ޚަބަރު

ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފި


ޢިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން "ގްރީން ކްލައިމެޓް ފަންޑް" (ޖީ.ސީ.އެފް)އަށް ޕްރޮޕޯސަލް ހުށަހަޅަން، ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ޙުސެއިން ރަޝީދު ހަސަނެވެ. މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެންވަރަންމަންޓާއި އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) އާއި ޖަޕާނުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މި ބައްދަލުވުން ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ މުޅި ރާއްޖޭގައި މިހާތަނަށް އުފެއްދެނީ 400 މެގަވޮޓުގެ ހަކަތަކަމަށާއި މީގެ ތެރެއިންވެސް އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި 16 މެގަވޮޓު ނުވަތަ %4 އުފެއްދޭކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް މިހާރަށްވުރެ ބޮޑަށް އިއާދަކުރަނިވި ހަކަތަ އުފައްދައި ތިމާވެއްޓަށް ރައްކާތެރިވާންޖެހޭކަމަށެވެ. ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މިހާރަށްވުރެ ބޮޑަށް އިއާދަކުރަނިވި ހަކަތަ އުފައްދައި މިކަން ދުނިޔެއަށް ދައްކަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ކުދި ޖަޒީރާ ޤައުމުތަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ޖީސީއެފަށް ހުށަހަޅާ ކޮންސެޕްޓުގެ ނޯޓްތަށް ތަރައްޤީކުރުމާއި އަމިއްލަ ވިޔަފާރިތަކުން މިދާއިރާއަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ބާރުއެޅުމާއި އަދި މިފަދަ މަސައްކަތްތަކުން ލޯ ކާބަން ތަރައްޤީއަށް އެހީތެރިވެދިނުމެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން 12 ޤައުމަކުން 22 ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މީގެ ތެރޭގައި ރާއްޖެފަދަ ކުދި ޖަޒީރާތަކުގެ މައްޗަށް އެކުލެވޭ ޤައުމުތައް ހިމެނެއެވެ. މި ބައްދަލުވުމުގައި ޖަޕާނުގެ ޕްރައިވެޓް ސެކްޓަރތަކުން ބައިވެރިވާއިރު ޖާޕާނުން ރިނިއުބަލް އެނަރޖީ ދާއިރާއިރާގެ ޓެކްނޮލަޖީ ޙިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.