ސަރުކާރުން ގާނޫނު އަސާސީ އާއި ހިލާފްވެފައިވާނަމަ، ކޯޓުތަކަށް ގޮސް، އެކަން ސާބިތުކޮށްދިނުމަށް އިދިކޮޅު ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ޕީ ޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ގާނޫން އަސާސީގެ ބޭރުން އެއްވެސްކަމެއް އެމަނިކުފާނުގެ ސަރުކާރުންކޮށްފައިނުވާނެކަމަށެވެ. ގާނޫން އަސާސީއާއި ގާނޫނީ އިމުގެތެރޭގައި ސަރުކާރު ހިގަމުންދާއިރު ޖިނާއީ ހުކުމެއް ކޯޓަކުން އިއްވައިފިނަމަ އެކަން ތަންފީޒުކުރުމަށް ސަރުކާރު ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެނިކުފާނު ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށެވެ. ކޯޓްތަކަށް މައްސަލަ ފޮނުވުމާއި މައްސަލަ އަނބުރާ ގެނައުމަކީ އެމަނިކުފާނު ކުރައްވާކަމެއްނޫންކަމަށާއި އެއީ ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާކަމެއްކަމަށެވެ.ރާއްޖޭގައި ހަލަބޮލިވަމުންދާ ސިޔާސީ މަސްރަހާއިބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަން ކުރުމަށް ޕީޕީއެމާއެކު ފަސްއަހަރު ދުވަހަށް ހެދި އެއްބަސްވުން ރޫޅާލީ ޖުމްހޫރީ ޕާޓީންކަމަށެވެ. އެކޯލިޝަން ރޫޅާލުމުން ޖުމްހޫރީ ޕާޓީގެ މެމްބަރުން ޕީޕީއެމާއިދިމާއަށް މިސްރާބުޖެހުމުން ވައުދާއި ޕީޕީއެމުން ޚިލާފްވީކަމަށް ޖުމްހޫރީ ޕާޓީން ބުނިނަމަވެސް އެކަން އެހެންހިގަމުންދަނީ އެޕާޓީން ކޯލިޝަން ރޫޅާލައި، އެހެންދިމާއަކަށް މިސްރާބުޖެހުމުންކަމަށް ވިދާޅުވިއެވެ.2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ކަންކަން އެކަނި ހިގައިދިޔަ ގޮތަށްއެކަނި ބެލިނަމަވެސް ގާނޫން އަސާސީ ހިމާޔަތްކުރުމުގެ ނަމުގައި ޖުމްހޫރީ ޕާޓީން އެކުރާ މަސައްކަތް ކުރެވިދާނެކަމަށް ގަބޫލުނުކުރެއްވޭކަމަށް ވިދާޅުވިއެވެ.ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި ހާސިލްކޮށްފައިވާ ކާމިޔާބުތަކުގެ މައްޗަށްވެސް ރައީސް އަބްދުﷲ ޔާމީން ރޭ ބައްލަވާލެއްވިއެވެ.ވިދާޅުވީ އެކި ދާއިރާތަކުން 17 ހާހަށްވުރެ ގިނަ ވަޒީފާ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި ރާއްޖޭގައި އުފެދިގެން ގޮސްފައިވާކަމަށާއި ސަރުކާރުން އާ ހަތްހާހެއްހާ ވަޒީފާ އަލަށް އުފައްދައި އެވަޒީފާތަކަށް މީހުން ނެރެދީފައިވާކަމަށެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ސަރުކާރަށް ކުރެވޭނެކަމަކީ ވަޒީފާތައް އުފައްދައި އެވަޒީފާތަކަށް ބޭނުންވާ ތަމްރީނު ދިނުންކަމަށާއި އެކަންސަރުކާރުންކުރާނެކަމަށާއި ވަޒީފާއަށް ނުކުތުމަށް ސަރުކާރަށް މަޖްބޫރު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. އެއް އަހަރު ދުވަހުގެތެރޭގައި އުފެދިދައިވާ ވަޒީފާތަކަށްބަލާއިރު 5 އަހަރުތެރޭގައި ނުވަދިހަ ހަތަރުހާސް ވަޒީފާ އުފެއްދުމަށް ވެވަޑައިގެންފައިވާ ވައުދު ހާސިލުކުރެވޭނެކަމާއިމެދު ޝައްކުނުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާއިބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި ބޮޑެތި ހަތްރަށެއްގެ ބަނދަރު ނިންމައި މިހާރުވެސް 32 ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތްކުރެވެމުންދާކަމަށެވެ. 17 ރަށުގެ ބޯފެނުމުގެ މަސައްކަތް ހިގަމުންދާކަމަށާއި އެތައް ރަށެއްގައި ބޮޑެތި މަގުތައް ހެދުމާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ފެށިގެން ހިގަމުންދާއިރު ނުކުރެވޭނެކަމެއްކަމަށް ދެކުނުނަމަވެސް ހުޅުމާލެ ހިއްކައި ނިމެމުންދަނީކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއިންވެސް ބޮޑެތި ބަދަލުތަކެއް ފެންނަމުންދާކަމަށާއި އިސްލާމީ ތަރުބިއްޔަތަށް ބާރުއެޅުމުގެގޮތުން ގްރޭޑް އެކަކުން ހަތަކަށް ގުރުއާނާއި އިސްލާމް ތައާރަފްކުރައްވައި މަތީތައުލީމަށްޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވާލުމާއެކު މިހާރުމިވަނީ އިސްލާމިކް ޔުނިވަރސިޓީއެއް ގާއިމުކުރުމުގެ އެންމެފަހުގެ މަރުހަލާއަށް އާދެވިފައިކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މިފެށޭ ދައުރުގައި ޔުނިވަރސިޓީގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްވެގެންދާނެކަމަށް ވިދާޅުވިއެވެ.ކިޑްނީބަލިތައްފަދަ ބަލިތަކަށް ފަރުވާދިނުމަށް ކުރެވޭ މަސައްކަތްތައް ކުރެވެމުންދާއިރު މާލޭގެ ބަދަލުގައި ރާއްޖޭގެ އެކިސަރަހައްދުތަކުން އެޚިދުމަތް ލިބޭނެގޮތް ތަނަވަސްކޮށްދެވި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްހީ ޚިދުމަތް ލިބޭނެމަގު ތަނަސްވަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.