ވިޔަފާރި

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީޑީސީއަށް ސާފްފައިދާގެ ގޮތުގައި 8.2 މިލިއަން ރުފިޔާ


މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގައި އެމްޓީޑީސީއަށް ސާފްފައިދާގެ ގޮތުގައި 8.2 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ 2017ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 7.4 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %11.5 އިތުރު އަދަދެކެވެ.
އެމްޓީޑީސީން ނެރެ އާއްމުކޮށްފައިވާ މާލީބަޔާނަށް ބަލާއިރު، އެކުންފުންޏަށް ލިބުނު ސާފު ފައިދާގެ އަދަދު އިތުރުވެފައިވަނީ، އެ މުއްދަތުގައި އެޑްމިނިސްޓްރޭޓިވް ޚަރަދުތައް ކުޑަކުރުމުގެ ސަބަބުންނެވެ.
އެމްޓީޑީސީގެ މާލީބަޔާނަށް ބަލާއިރު، ޓެކްސްއަށް ކެނޑުމުގެކުރިން ހުސްވިއަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ، 537،800 ޑޮލަރެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ އެއީ 8.2 މިލިއަން ރުފިޔާއެވެ. މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.2 މިލިއަން ޑޮލަރު، ނުވަތަ 19 މިލިއަން ރުފިޔާއެވެ.
އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ. ނަމަވެސް މިއަދާއި ހަމަޔަށްވެސް އެމްޓީޑީސީ އުފެއްދި ހަޤީޤީ މަޤްސަދު ހާސިލްވަމުން ނުދާކަމަށް އެކުންފުނީގެ އާއްމު ހިއްސާދާރުން ފާހަގަކުރެއެވެ.