ޚަބަރު

ތަރައްޤީގެ މަގުގައި ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކުގައި ޒުވާނުންގެ ޙިއްސާ ބޮޑުކުރާނަން - ނައިބު ރައީސް


ޤައުމު ތަރައްޤީވެގެން ދަނީ ހަމައެކަނި ސަރުކާރުން ކުރާ ހޭދައާއި ސަރުކާރުން ކުރާ މަސައްކަތުން ނޫން ކަމަށާ، ޤައުމުގެ ތަރައްޤީގައި އާންމު ރައްޔިތުންނާއި ޒުވާނުންގެ ހިއްސާ ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ، ކޯސްޓްލައިން ފައުޑޭޝަން އިން ބ.ކިހާދޫގައި ހިންގާ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރ، ޓިވެކްއަށް ޒިޔާރަތް ކުރައްވާ އެމަރުކަޒުގައި ކިޔަވާ ދަރިވަރުންނާ މުޙާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ނާއިބު ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ އެންމެ ބޮޑުއެއް އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުންކަން ފާހަގަކުރައްވާ، ދަރިވަރުން ކިޔަވާ އެއްޗެއްގެ ބޭނުން ދިރިއުޅުމުގެ އެކި ކަންކަމުގައި ހިފުމަށް ނާއިބްރައީސް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ނާއިބްރައީސް ވިދާޅުވީ ރާއްޖެ ތަރައްޤީކުރުމުގައި ޒުވާނުންގެ ދައުރު ބޮޑު ކަމަށާ، ޤައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާވެސް ބޭނުންވާ ކަމަށެވެ.

ނާއިބް ރައީސްގެ ވާހަކަފުޅުގައި ފަންނީ ތަޖުރިބާއާއެކު މުޖުތަމައަށް ނުކުންނަ ޒުވާނުންނަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމަށާ، ރާއްޖޭގެ ތަރައްޤީގައި ޒުވާނުންގެ ބައިވެރިވުން ނެތުމަކީ ދިވެހި ޒުވާނުންނަށާއި ސަރުކާރަށްވެސް ލިބޭ ދެރައެއް ކަމަށެވެ. އަދި ޤައުމަށް ތަރައްޤީ ގެންނަން ބޭނުންވަނީ ހަމަޖެހުމުގެ ތެރެއިން ޤައުމު އެކަތިގަނޑަކަށް ހަދައި އެންމެން އަތުގުޅާލައިގެންކަމަށްވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ކިހާދޫއަށް ކުރެއްވި މިދަތުރުފުޅުގައިވަނީ ކިހާދޫ ސްކޫލާއި ހެލްތެ ސެންޓަރާއި އެރަށުގެ ބަނދަރު ބައްލަވާލައްވާފައެވެ. އަދި މި ތަންތަނުން ކުރާ މަސައްކަތްތައް އޮޅުން ފިލުއްވާ ހުރި ގޮންޖެހުންތަކާއި ދަތިތައްވެސް އޮޅުންފިލުއްވާފައެވެ. އަދި މިހާރުން މިހާރަށް ހައްލު ކުރެވެން ހުރި ކަންކަން ހައްލު ކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ނާއިބު ރައީސް ވަނީ ކިހާދު ރައްޔިތުންނަށް ދެއްވާފައެވެ. މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ނާއިބު ރައީސް ވަނީ މި ރޭ މާލެ ވަޑައިގެންފައެވެ.