ކުޅިވަރު

އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލެއް އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެ - ރައީސް


މާލޭ ސަރަހައްދުގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ބައިނަލްއަގްވާމީ ކުޅިވަރު މައިދާންތަކުގައި ރަންވަނަ ހޯދަން އެކި ކުޅިވަރުތަކުން ގިނަ މަސައްކަތަތަކެއް ކުރަމުންދާއިރު، މި ޕޫލަކީ ޒުވާނުންނަށް އުފާވެރި ޚަބަރަކަށްވާނެކަމަށެވެ.

މިދިޔަ ދެ ތިން އަހަރަށް ބަލާއިރު ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ގިނަ މެޑަލް ހޯދާފައިވާ ކުޅިވަރަކީ ފެތުމެވެ. ރައީސް ސޯލިހު ވިދާޅުވީ މާލޭ ސަރަހައްދުގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށާއި، މިހާރު ކުރިއަށްދަނީ ޕޫލެއް އެޅުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތްކަމަށެވެ. މި ޕޫލުގެ މަސައްކަތަށް 18 މިލިއަން ރުފިޔާ ހޭދަވާނެކަމަށްވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވ.

މީގެ އިތުރުން ކުޅިވަރުގެ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން 5 ލައްކަ ރުފިޔާ ދިނުމާއި، ޤައުމީ ޓީމްގެ ކުޅުންތެރިންނަށްދޭ އެލަވަންސްގެ ތަފާތުތައް މިހާރު ސަރުކާރުންވަނީ ނައްތާލާފައެވެ.

"މާލެ ސަރަޙައްދުގައި އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. ޖުމްލަ 18 މިލިއަން ރުފިޔާއިން ހަދާ އެ ސުވިމިންގ ޕޫލްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ. މިއީ ބައިނަލްއަޤްވާމީ ކުޅިވަރު މައިދާންތަކުން، ރަންވަނަތަކަށް އުންމީދުކުރާ ޒުވާނުންނަށް އުފާވެރި ޚަބަރަކަށްވާނެ."