ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެންނައުމަކީ މިއަހަރުގެ އެންމެބޮޑު އަމާޒުކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު އޮތް ހަރުފަތުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އައު ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ބަޔާނުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަރައްޤީއާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި، ޕީ.އެސް.އެމުން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ރިސޯޓް ތަރައްޤީކުރުމަށް ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ރަށްތަކާއި ގުޅޭގޮތުން މިއަހަރުތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ. މިގޮތުން ރިސޯޓްތައް ނުހެދި އޮތުމަކީ ރައީސް ޞާލިޙުގެ ސަރުކާރުން ޤަބޫލުކުރާނޭ ކަމެއްނޫންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ވަރަށް ގިނަ އަތޮޅުތަކުގެ ރައްޔިތުންގެ ކަންބޮޑުވުމެއް އެއީ އެ އަތޮޅުތަކުގަ ވަރަށް ގިނަ ދުވަސްވަންދެން ރަށްތައް ރިސޯޓުގެ ގޮތުގައި ތަރައްޤީނުކުރެވި ހުރި ހުރުން. އޭގެ ސަބަބުން ވަރަށްގިނަ ފުރުސަތުތައް އެބަ ގެއްލޭޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު
މި ވެރިކަމުގައި ރާއްޖޭގެ އެކި ހިސާބުތައް ފަތުރުވެރިކަމުގެ ތަފާތު މަންޒިލްތަކުގެ ގޮތުގައި ތަރައްޤީކުރެވި، އެތަންތަން މާކެޓްކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އައިސް އާންމުނަށް ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ އިތުރުވެގެންދާނެކަންވެސް މިނިސްޓަރ ޢަލީ ވަޙީދު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ތަފާތު މަންޒިލްތަކެއްގެ ގޮތުގައި ރާއްޖޭގެ އެކި ސަރަޙައްދުތައް ތަރައްޤީކޮށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒެވެ. ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިގެންދާނީ އަމިއްލަވަންތަ، ޖަޒީރާ ވަންތަކަމުގެ އިތުރުން ސަޤާފަތް އާލާކުރެވިފައިވާ މަންޒިލެއްގެ ގޮތުގައެވެ. އެތަންތަން ތަރައްޤީކޮށް މާކެޓްކުރެވުމާއިއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މާލެ ސަރަހައްދަށް މި އޮންނަ ބަރޯސާވާ ބަރޯސާވުން ނިމުމަކަށް އަންނާނޭކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވަނީ، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ކުރިއެރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިންވެސްޓަރ ކޮންފިޑެންސް އިތުރުކޮށް، ރައްޔިތުންނާއި ގާތުން މަސައްކަތްކުރާ ތަނަކަށް ޓޫރިޒަމް މިނިސްޓްރީ ހައްދަވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.