ޚަބަރު

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދުވުމެއް ބާއްވަނީ


ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން "މޯލްޑިވްސް ވިމަންސް ރަން 2019" ގެ ނަމުގައި ދުވުމެއް ބޭއްވުމަށް އެން ރޭންޖުން ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެ މާރޗްމަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ. އަންނަ މާރޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

މި ދުވުން އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ޔުމްނާ މައުމޫން ވަނީ މިދުވުމަކީ އަންހެނުން ކަންކަމުގައި ޝާމިލްކޮށް ބާރުވެރުކުރުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް މުޖުތަމައުގައި ހިންގާ ގިނަ ކަންކަމުގައި އަންހެނުން ކުރިއަށްވުރެ ގިނައިން ބައިވެރިވާކަމަށާއި ނަމަވެސް އަދިވެސް ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކެބިނެޓާއި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެން ރޭންޖުން މިއަހަރު މުޅިން އަލަށް ބާއްވާ މިދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތުން މި ދުވުމުގައި އުމުރުން 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެކަމަށް އެންރޭންޖުން މައުލޫމާތު ދެއެވެ. 2500 މީހުންނަށް ޓާރގެޓް ކޮށްގެން ބާއްވާ މި ދުވުމުގައި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދުވުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. "މޯލްޑިވްސް ވިމަންސް ރަން 2019" ގައި 5 ކިލޯމީޓަރަށް ދުވުމަށް ހަމަޖެހިފައިވާއިރު މި ދުވުން އޮންނަނީ އަންނަ މާރޗްމަހުގެ 22 ވަނަ ދުވަހު ހަވީރު ހުޅުމާލޭގައެވެ.

"މޯލްޑިވްސް ވިމަންސް ރަން 2019" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަ އަޙްމަދު މަޚުލޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެން ރޭންޖަކީ ތަފާތު އެކު ކުޅިވަރު ހަރަކާތްތައް ރާވައި ހިންގާ ޖަމިއްޔާއެކެވެ.