ޚަބަރު

ބަހާއި އަދަބިއްޔާތު ދާއިރާގެ ހުރި ކަންބޮޑުވުންތައް ޙިއްސާކޮށްފި


ލިޔުންތެރިކަމުގެ ދާއިރާގެ މިހާރުގެ ޙާލަތު ދެނެގަނެ، މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއިގުޅޭ ގޮތުން ޙިޔާލު ޙޯދައިފިއެވެ.

ބަހާއި އަދަބިއްޔާތު ދާއިރާގެ ފަންނުވެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ކުރިއަށްގެންދިޔަ މިފޯރަމްގައި ރާއްޖޭގެ ބަހާއި އަދަބިއްޔާތު ދާއިރާގައި މަސައްކަތްކުރަމުންދާ ގިނަ ފަރާތްތަކަކުން ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް ޙިއްޞާކޮށްފައެވެ.
މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ތަޢުލީމީ ދާއިރާގައި ދިވެހިބަހަށް ދޭ ސަމާލުކަން ކުޑަކަމުގެ މައްޗަށެވެ.

މިގޮތުން ސްކޫލްތަކުގައި އަދަބީ މާހައުލެއް އުފެއްދުމަށްޓކައި އަދަބިއްޔާގެ ކަންކަން ކުރުމަށްޓަކައި ޚާއްސަ ކްލާސްރޫމްތަކެއް ހުންނަން ޖެހޭކަމަށް ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. ދަރިވަރުން ވަކި އުމުރަކަށް އަންނަންދެން ދިވެހިބަހަށް އިސްކެމެއް ދީގެން ކިޔަވައިދިނުން ފާހަގަކޯށްފައިވާއިރު ބައެއް ބައިވެރިންވަނީ ފަށާ ތަޢުލީމް ދިނުމުގައި ދިވެހިބަށް އިސްކަންދިނުމަށް ގޮވާލާފައެވެ. މީގެ އިތުރުން ބައެއް ބައިވެރިންވަނީ ނޫސްވެރިކަން ކުރުމުގައިވެސް ދިވެހިބަހަށް ދޭ ސަމާލުކަން މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށް ގޮވާލާފައެވެ. މިގޮތުން ކުރިން ސްކޫލްތަކުގައި ނޫސްވެރިކަން ކުރިއެރުވުމަށް ޖަމިއްޔާތަކެއް އޮތްފަދައިން މިހާރުވެސް އެފދަ ޖަމިއްޔާތައް ސްކޫލްތަކުގައި ޤާއިމްކުރުމަކީ މުހިއްމުކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

މިފޯރަމްގެ ބައިވެރިންގެ ޚިޔާލު އަޑުއެއްސެވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ މިހާރަށްވުރެ ރަނގަޅަށް ބަހުގެ ކަންކަން ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ދަރިވަރުންނަށް ދިވެހި ބަސް ކިޔަވައިދިނުމުގައި މައިބައިންގެ ދައުރު ފުޅާކޮށް، ސްކޫލްތަކުގައި ދިވެހި ބަސް ކިޔަވައިދިނުމުގައި ކުދިން ޝައުގުވެރިވާފަދަ ގޮތަށްކަށް ކިޔަވައިދިނުން މުހިއްމުކަން ވަނީ ފާހަގަކޮށްފައެވެ.

މިފޯރަމްގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ދިވެހި ބަހުގެ އަކުރާ ބެހޭގޮތުން ދިރާސާ ކުރުމަށް ހަމަޖެހިފައިވާކަމަށާ ރާއްޖޭގެ ސްކޫލްތަކުގައި ދިވެހި އަދަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމުން ބަސްކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށެވެ. މިކަމުގެ ސަބަބުން މިކަމުގެ ސަބަބުން އަދަބިއްޔާތުގެ އިތުރުފޮތްތަކެއް ބަޒާރަށް ނުކުންނާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

ބަހާއި އަދަބިއްޔާތު ދާއިރާގެ ފަންނުވެރިންނަށް އަމާޒުކޮށްގެން ބޭއްވި މި ފޯރަމްގައި ވަނީ ޅެންވެރިންނާއި ލިޔުންތެރިންނާއި ވާހަކަދެއްކުންތެރިން ބައިވެރިވެފައެވެ.