ކުޅިވަރު

ދިވެހި ކުޅުންތެރިންގެ ހުނަރު އެބަހުރި، ބޭނުންވަނީ އިތުރު ފުރުސަތުތައް - ޔުވްރާޖް ސިންގ


ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު އެބަހުރިކަމަށާއި، ހުނަރު ތަރައްގީކޮށް ކުރިއަށްދާން ރާއްޖެއަށް ބޭނުންވަނީ އިތުރު ފުރުސަތުތައްކަމަށް އިންޑިޔާގެ މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ޔޫވްރާޖް ސިންގ ބުނެފިއެވެ.

އިންޑިޔާ މޯލްޑިވްސް ކްރިކެޓް ސީރީސްގެ ތެރެއިން ޕީއެސްއެމް ސްޕޯޓްސްއަށްދިން އެކްސްކްލޫސިވް އިންޓަވިއުގައި އޭނާ ބުނީ ރާއްޖޭގައި ހުނަރުވެރި ކުޅުންތެރިން ތިބިކަން ޤައުމީ ޓީމު ކުޅުނު މެޗުން އެނގިއްޖެކަމަށެވެ. އެ ކުޅުންތެރިންނަށް ބޭނުންވަނީ ގިނަ މެޗުތަކަކާއި ބައިނަލްއަގްވާމީ ތަޖުރިބާކަމަށް އޭނާ ބުންޏެވެ.

ޔޫވްރާޖް ބުނީ ރާއްޖޭގައި ހުރި މަދު ވަސީލަތްތަކާއި އަޅާބަލާއިރު، ރާއްޖޭގައި ކްރިކެޓުގެ ކުރިއެރުން ފާހަގަކުރާކަމަށެވެ. އަދި މިކަހަލަ ގިނަ މެޗުތަކެއް ރޭވިއްޖެނަމަ ކްރިކެޓުގައި ރާއްޖެ އިތުރު ކުރިއެރުންތަކެއް ހޯދާނެކަމަށް އޭނާ ބުންޏެވެ.

"ޤައުމީ ޓީމް ކުޅުނު މެޗުން ފެނިއްޖެ ރާއްޖޭގެ ފިލްޑިންގ ރަނގަޅުކަން. ކުޅުންތެރިންގެ ހުނަރު އެބަހުރި، ބޭނުންވަނީ ގިނަ މެޗުތަކާއި ތަޖުރިބާ"

ޔޫވްރާޖް ބުނީ ރާއްޖެއަކީ އޭނާ އަބަދުވެސް ވަރަށް އަންނަން ބޭނުންވާ ޤައުމެއްކަމަށާއި، ކުރިއަށް އޮތްތާނގައިވެސް މިކަހަލަ ފުރުސަތުތައް ލިބޭނެކަމަށް އުއްމީދުކުރާކަމަށް ޔޫވްރާޖް ބުންޏެވެ.