ސިޔާސީ

ކްރިމިނަލް ކޯޓުގެ ގާޒިއަކާއި ބައްދަލެއް ނުކުރަން- ޕީޖީ


މާލޭގެ ކެފޭއެއްގެތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރައްވާ ކްރިމިނަލް ކޯޓުގެ ގާޒިއަކާއި ޕްރޮސެކިއުޓަރ ޖެނެރަލް ބައްދަލުކުރައްވަން ތިއްބެވިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފް ދޮގު ވާހަކަތަކެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒު މުހްސިން ވިދާޅުވެއްޖެއެވެ.ރާއްޖޭގެ ލޯކަލް ބައެއް މީޑިއާތައް މިއަދު ބުނިގޮތުގައި ކެފޭއެއްގެތެރޭގައި ނަޝީދުގެ ޝަރީއަތް ކުރިއަށްގެންދާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީއަކާއި ޕްރޮސެކިއުޓަރ ޖެނެރަލް ބައްދަލުކުރައްވަމުން ގެންދަވަނިކޮށް ރާއްޖެ ޓީވީގެ ހަތަރު މުވައްޒަފަކު އެތަނަށް ގޮސް ވީޑިއޯ ކުރަން އުޅުމުން ފުލުހުން އެމީހުން ހުއްޓުވާފައިވެއެވެ.އެހެންނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް އެމްބީސީއާއި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެކެފޭއަކީ އެމަނިކުފާނު އާއްމުކޮށް ކޮފީއަށް ވަޑައިގަންނަވާ ތަނެއްކަމަށާއި ރޭ އެތަނަށް ވަޑައިގެންނެވީ ތިމާގެ ދެމީހަކާއެކު ކޮފީއަކަށްކަމަށެވެ.ގާޒީއަކާއި އެމަނިކުފާނު ބައްދަލުކުރެއްވުމުގެ އެއްވެސް ކަމެއް ނުހިގާކަމަށާއި އެކަމަކު އެކެފޭގައި އެމަނިކުފާނު އިންނެވި މޭޒު ނޫން އެހެން މޭޒެއްގައި އިންނެވި ގާޒީއެއް ބަޔަކު ވީޑިއޯކުރަން އުޅުމުން އެކެފޭ ހިންގާ މީހުން އެކަމަށް ހުރަސްއަޅައި އުޅުނު ތަން ފެނިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.ފުލުހުންބުނީ ކެފޭއަކަށް ހުއްދަނުހޯދައި ބަޔަކު ވަދެ ވީޑިއޯ ކުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ހަތަރު މީހަކު ގެންދިޔަކަމަށާއި އެމީހުން ރޭ ދޫކޮށްލާފައިވާކަމަށެވެ.