ކުރީގެ ރައީސް މުހައްމަދު ނަޝީދްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާފައިވާ ޓެރަރިޒަމް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަސްނަގައި ނިންމާ ނަޝީދްގެ ފަރާތުން ހުށައެޅި ހެކިން ބަލައިނުގަންނަން ކުރިމިނަލްކޯޓުން ނިންމައިފިއެވެ.މައްސަލަ ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނެ ނަޝީދްގެ ގާނޫނީ ޓީމުން އެ މައްސަލަ ދޫކޮށްލިކަން މިއަދު އިއުލާންކޮށްފައިވަނިކޮށް މިރޭ ބޭއްވި އަޑުއެހުން ކުރިޔަށް ގެންގޮސްފައިވަނީ ގާނޫނީ ވަކީލަކާއި ނުލައެވެ.މިރޭ ގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ ނަޝީދާއި ދެކޮޅަށް ވީޑިއޯ އޯޑިއޯ އަދި ޑޮކިއުންމެންޓްސް ހެކި ހުށައަޅާ އެތައްކެއްޗާއި މެދު ދެކޭގޮތް ހާމަކޮށްފައެވެ. މިގޮތުން ހުށައެޅި ކޮންމެ ހެއްކަކަށް ޖަވާބްދާރީވުމަށް ނަޝީދަށް ފުރުސަތު އެރުމުވުމުން އެމަނިކުފާނު ތަކްރާރްކޮށް ވިދާޅުވަމުން ގެންދެވީ ބޭނުންވަނީ ގާނޫނީ ވަކީލަކާއެކު ކުރިޔަށްދިޔުމަށްކަމަށާއި ޝަރީއަތް ކުރިޔަށް ދަނީ ބޭ އިންސާފުން ކަމަށެވެ.މިރޭގެ ޝަރީއަތުގެ މަޖްލީހުގައި ދައުލަތުން ހުށައެޅި ހެކީގެ ތެރޭގައި ނަޝީދް ބައެއް ތަންތަނުގައި ދައްކަވާފައިވާ ވާހަކަތަކުގެ އޯޑިއޯއާއި ވީޑިއޯތައް ދައްކާ އަޑުއިއްވާފައިވެއެވެ.ހެކިތައް ހުށައަޅަމުން ދައުލަތުގެ ވަކީލް ވިދާޅުވީ އަބްދުﷲ މުހައްމަދު ހައްޔުރުކުރި ދުވަހާއި ޖެހިގެން އައި ދުވަހު އެކަމުގެ ވާހަކަތައް ވަޒީރުންގެ މަޖްލީހުގައި ނަޝީދް ދައްކަވާފައިވާކަމަށެވެ. މިގޮތުން އިސްގާޒީ ދޫކޮށްލަން ފެނިވަޑައިގަންނަވާތޯ ވަޒީރުން އަރިހުގައި ނަޝީދް އައްސަވާފައިވާކަމަށާއި އިސްގާޒީ ހައްޔަރުކުރުމާއި މެދު ހިތްހަމްޖެހިވަޑައިނުގަންނަވާނަމަ ކުރައްވާނެކަމެއް ނެތްކަމަށް ނަޝީދް ވިދާޅުވެފައިވާކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.މީގެއިތުރުން އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ހުރިހާ ޕްލޭނެއް ރާވާފައިވަނީ އޭރު ނަޝީދް ދިރިއުޅުއްވަމުންދިޔަ ރަސްމީ ގެކޮޅު މުލިއާގޭގެ ތެރޭގައިކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. މިގޮތުން މުލިއާގޭގެ ރަސްމީ ސިޓީންރޫމުން ފެނުނު ޗާރޓެއްގައި އިސްގާޒީ ގިރިފުށިން ގެނެސް ފޮނުވާލެވިދާނެ ބައެއް ތަންތަން ފާހަގަކޮށްފައިވާއިރު އޭގާ އިސްގާޒީގެ އުފަން ރަށް ހުޅުދުއްފާރު ހިމެނިފައިވާކަމަށްވެސް ދައުލަތުގެ ވަކީލް ފާހަގަކުރިއެވެ.ވަކީލަކާއިނުލާ ޝަރީއަތް ކުރިޔަށް ގެންދާތީ އެކަމާއި ހިތްޕުޅުހަމަޖެހިވަޑާއިނުގެން ނަޝީދް ޝަރީއަތަށާއި މައްސަލަ ބައްލަވާ ތިން ފަނަޑިޔާރުންގެ ބެންޗަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ނަޝީދަށް އެބައޮތް ކަމަށެވެ.ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް މިރޭ ނަގާ ނިމިފައިވާއިރު ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ނަޝީދްގެ ފަރާތުން ދިފާއުގައި ހުށައެޅި އެއްވެސް ހެއްކެތްގެ ހެކިބަސް ނުނެގުމަށެވެ. ފަނޑިޔާރުން ވިދާޅުވީ އެގޮތަށް ނިންމީ ދައުލަތުން ހުށައެޅި ހެކިތައް ދިފާއީ ހެކިންގެ ހެކިބަހުން ނަފީނުކުރެވޭނެކަމަށް ގަބޫލްފުޅުކުރެއްވޭތީކަމަށެވެ.ނަޝީދާއި ދެކޮޅަށް ޕްރޮސިކިއުޓަރ ޖެނެރަލް ކުރާ ދައުވާގެ މިރޭގެ އަޑުއެހުން ނިންމާލީ މާދަމާ ރޭ އޮންނަ ޝަރީއަތުގެ މަޖްލީހަށް ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހާޒިރްކޮށް އޭނާގެ ހެކިބަސް ނަންގަވާނެކަން ބެންޗުން އިއުލާންކުރެއްވުމަށްފަހުގައެވެ.ހެކީގެ ގޮތުގައި ދައުލަތުން ނަން ހުށައެޅުމަށްފަހު ކޯޓަށް ހާޒިރްކުރަން ބޭނުންނުވާކަމަށް ބުނެފައިވާ އިސްގާޒީ އަބްދުﷲ މުހައްމަދު ކޯޓަށް ހާޒިރްކުރަނީ ޝަރީއަތުން ބޭނުންވެގެންކަމަށްވެސް މައްސަލަ ބައްލަވާ ބެންޗުން މިރޭ ހާމަކޮށްފައިވެއެވެ.