ކުޅިވަރު

ވިކްޓްރީން ހުށާޅާފައިވާ ސޮޔާއިމެދު ސުވާލު އުފެދިއްޖެ!


އެފްއޭއެމްގެ އިސްވެރިން ބަދަލުކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުމަށް ވިކްޓްރީން ހުށަހެޅި ހުށަހެޅުމުގައި ޤަނޫނީ އަދަދު ހަމަނުވާކަމަށް އެފްއޭއެމުން ބުނެފިއެވެ.

ވިކްޓްރީން މައްސަލަ ހުށަހެޅީ 19 ކުލަބުގެ ސޮޔާއިއެކުކަމަށް އެކުލަބުން ބުނެއެވެ. އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓުލުމުގެ ހައްގު 24 ކުލަބަކަށް ލިބެއެވެ. އެފްއޭއެމްގެ އެކްސްޓްރާ ކޮންގްރެސްއެއް ބޭއްވޭނީ މެޖޯރިޓީ ކުލަބުގެ ތާއީދު ލިބިގެންނެވެ. އެއީ މަދުވެގެން 13 ކުލަބެވެ.

އެފްއޭއެމުން ބުނީ 19 ކުލަބެއްގެ ސޮއާއިއެކު މައްސަލަ ހުށަހެޅިކަމަށް ވިކްޓްރީން ބުނިނަމަވެސް އެ އިދާރާއަށް ލިބިފައިވާ ސިޓީގައިވަނީ 15 ކުލަބެއްގެ ސޮއިކަމަށެވެ. އަދި މި ފަނަރަ ކުލަބުގެ ތެރެއިން ނިއުރޭޑިއަންޓަކީ އެ އިދާރާއިން ސަސްޕެންޑްކޮށްފައިވާ ކުލަބެއްކަމުން އެ ކުލަބުގެ ސޮއި ބަލައި ނުގަނެވޭނެކަމަށެވެ. މީގެ އިތުރުން ށ.ފޯކައިދޫއާއި، ކުލަބު ރޮކް ސްޓްރީޓަކީ އެފްއޭއެމްގެ މެމްބަރޝިޕް ލިބިފައިނުވާ ދެ ކުލަބުކަމަށް އެއިދާރާއިން ނެރުނު ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް ވަކިބަޔެއްގެ ލާބަޔާއި މަންފާއަށް ކުރެވޭ ޤާނޫނާއި ގަވާއިދާ ޚިލާފު ކަންކަމުގައި 4 ކުލަބަކުން ބައިވެރިނުވާނެކަމަށްބުނެ އެއިދާރާއަށް 4 ކުލަބުން ސިޓީ ފޮނުވާފައިވާކަމަށެވެ. އެހެންކަމުން އެފްއޭއެމްގެ އިސްވެރިން ބަދަލުކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދިނުނުމަށް ވިކްޓްރީން ހުށަހެޅި ހުށަހެޅުމުގައި ޤަނޫނީ އަދަދު ހަމަނުވާކަމަށްކަމަށް އެފްއޭއެމްގެ ބަޔާނުގައިވެއެވެ.

އެފްއޭއެމުންވަނީ ވިކްޓްރީން ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރައި، އެފްއޭއެމް ބަދުނާމުވާގޮތަށް ޒިންމާދާރުކަން ކުޑަކޮށް ވާހަކަ ދައްކާތީ އެކަމާއި ހިތާމަކުރާކަމަށް ބުނެފައެވެ.