ޚަބަރު

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު ލަސްކުރަން މަސައްކަތްކުރިން - ކޯވަކް


ލިވަޕޫލްއާއި ވާދަކޮށް އެއްވަރުވި މެޗުގައި ގަސްތުގައި މެޗު ލަސްކުރަން ބާޔާނުން މަސައްކަތްކުރިކަމަށް ކޯޗު ނިކޯ ކޯވަކް އެއްބަސްވެއްޖެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ލިވަޕޫލާއި ބަޔާން ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވިއެވެ. މި މެޗުގެ ފަހު ހާފުގައި ބަޔާން ކުޅުންތެރިން މެޗު ލަސްކުރަން މަސައްކަތްކުރިކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އެ ކުލަބަށް އަމާޒުވިއެވެ.

މިވާހަކަތަކައި ގުޅޭގޮތުން ބަޔާންގެ ކޯޗު ނިކޯ ކޯވަކް ބުނީ މެޗުގެ ފަހު ހާފުގައި އެޓީމްގެ ކުޅުންތެރިން މެޗުލަސްކުރަން އުޅުނުވާހަކައެއީ ތެދެއްކަމަށެވެ. ލިވަޕޫލްގެ ދަނޑުގައި ފަހު ވަގުތުތައް އެގޮތަށް ދުއްވާލި ކީއްވެގެންކަން ފުޓްބޯޅަ ބަލާ އެންމެންނަށްވެސް އިނގޭނެކަމަށާއި، މިއީ އަލަށް ބަޔަކު ކުރިކަމެއް ނޫންކަމަށެވެ.

އެ މެޗުގައި ޑިފެންޑަރ ހަވީ މާޓިނޭޒްވެސް ފަޔަށް ތަދުވާކަމަށް ހެދިގެން ގަސްތުގައި ދަނޑުމަތީގައި އޮށޯތްކަމަށާއި، އެއީ އަލަށް މީހަކު ކުރިކަމެއް ނޫންކަމަށެވެ. މެޗުގައި މޮޅުވެފައި އޮންނައިރު، ނުވަތަ ޓީމެއް ޕްރެޝަރުގައި އޮންނައިރު އެކަހަލަ ކަންތައް ކުރުމަކީ އާންމުކަމެއްކަމަށް ކޯޗު ކޯވަކް ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލްގެ ދަނޑުގައި ކޮންމެ މިނެޓަކީވެސް ޕްރެޝަރު ވަގުތުތަކެއްކަމަށާއި، ކުޅުންތެރިން އެ މެޗުގައި ތަޖުރިބާގެ ބޭނުންވެސް ވަރަށް ރަނގަޅަށްކުރިކަމަށެވެ.