ޚަބަރު

ކޮމިއުނިޓީ ވޮލެންޓިޔަރ ފަޔަރ ފައިޓަރ ޓްރެއިނިންގް ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ފަށައިފި


ކޮމިއުނިޓީ ވޮލެންޓިޔަރ ފަޔަރ ފައިޓަރ ޓްރެއިނިންގް ޕްރޮގްރާމެއް ފުވައްމުލަކު ސިޓީގައި ފަށައިފިއެެވެ.

ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން ވިދާޅުވީ މި ޓްރެއިނިންގް ޕްރޮގްރާމަކީ ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ. ފުވައްމުލަކު ސިޓީގެ އެކި މުވައްސަސާތަކަށް އަމާޒުކޮށްގެން މިއަދު ފެށި މި ޕްރޮގްރާމް 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުވައްމުލަކު ސިޓީ ޕޮލިސް ސްޓޭޝަނުން މަޢުލޫމާތުދެއްވައެވެ.

މި ކޮމިއުނިޓީ ވޮލެންޓިޔަރ ފަޔަރ ފައިޓަރ ޓްރެއިނިންގް ޕްރޮގްރާމްގައި އަލިފާނުގެ ހަދިސާއެއް ހިނގައިފިނަމަ، ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި އަލިފާން ނިއްވުމަށް ކުރެވިދާނެ ކަންތައްތައް ކިޔައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެފަދަ ހާދިސާއަކުން އަމިއްލަ ނަފްސާއި އެހެން މީހުން ސަލާމަތްކުރުމަށް ޙަރަކާތްތެރިވާނެ ގޮތާއި އެފަދަ ޙާލަތެއްގައި އަލިފާން ނިއްވުމަށް ޙަރަކާތްތެރިވާ ފަޔަރ އެންޑް ރެސްކިއުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައްވެސް ކިޔައި ދިނުމަށް ހަމަޖެހިފައިވާކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މަޢުލޫމާތުދެއްވައެވެ.