ޚަބަރު

ލެވަންތޭ އަތުން މޮޅުވީ ނަސީބު ރަނގަޅުކަމުން - ސޮލާރީ


ވީއޭއާރުން ލިބުނު ދެ ޕެނަލްޓީން މޮޅުވީ ނަސީބު ރަނގަޅުކަމުންކަމަށް ކޯޗު ސަންތިއާގޯ ސޮލާރީ ބުނެފިއެވެ.

ސްޕެނިޝް ލަލީގާގައި ލެވާންތޭ އަތުން ރެއާލް މެޑްރިޑް މޮޅުވީ ދޭއް އެކަކުންނެވެ. މެޗުގައި ރެއާލްގެ ދެ ލަނޑަކީވެސް އެޓީމަށް ލިބުނު ދެ ޕެނަލްޓީން ޖެހި ދެ ލަނޑެވެ. ދެ ޕެނަލްޓީވެސް ރެފްރީދިނީ ވީޑީއޯ އެސިސްޓަންޓް ރެފްރީންނާއި މަޝްވަރާކޮށް ވީޑިއޯ ބެލުމަށްފަހުއެވެ. ރެއާލްގެ ދެ ޕެނަލްޓީ ޖަހައިދިނީ ކަރިމް ބެންޒެމާއާއި، ގެރެތް ބޭލްއެވެ.

މެޗަށްފަހު ރެއާލް މެޑްރިޑްގެ ކޯޗު ބުނީ ނަސީބު އެހީވިޔަސް އެއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ލިބުނު ނަސީބެއްކަމަށެވެ. މެޗުގައި ގެރެތް ބޭލްގެ ކުޅުމަށް ކޯޗު ސޮލާރީ ތައުރީފްކުރިއެވެ. އޭނާ ބުނީ އެއް ކުޅުންތެރިއަކު މަދުކޮށް ޓީމް ކުޅުނު ވަގުތު ބޭލްގެ ފަރާތުން ފެނުނު ރޫހަކީ މެޗުން މޮޅުވުމުގައި ޓީމަށް ލިބުނު ބޮޑު ހިތްވަރެއްކަމަށެވެ.

ލަލީގާގައި އެތްލެޓިކޯ މެޑްރިޑްވެސްވަނީ އެޓީމް ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ. ވިޔަރެއާލްއާއި ވާދަކޮށް އެތްލެޓިކޯ މެޗު ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ. މެޗުގައި އެތްލެޓިކޯގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ. މިއީ މިދިޔަ ފިނި މޫސުމުގެ ޓްރާންސްފަރގައި އެތްލެޓިކޯއަށް ބަދަލްވެ މޮރާޓާ ޖެހި ފުރަތަމަ ލަނޑެވެ. އެޓީމްގެ ދެވަނަ ލަނޑު ޖަހައިދިނީ ސައުލް ނިގޭޒްއެވެ.

މި ނަތީޖާތަކާއިއެކު ތާވަލްގެ އެއްވަނައިގައި ބާސެލޯނާ އޮތީ 7 ޕޮއިންޓްގެ ލީޑާކާއިއެކުއެވެ. ދެވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ރެއާލް މެޑްރިޑް އޮތީ ތާވަލްގެ ތިންވަނައިގައެވެ.