ސިޔާސީ

މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރާ ދައުވާގައި 6މީހަކު ހެކިބަސް ދީފި


ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަންގައި އިތުރު ލަފައެއް ބޭނުންނުވާކަމަށާއި، އެއޮޕަރޭޝަންގެ އެލާޓް ލެވެލް ބަދަލުކުރުމަށް، މޫސާ ޢަލީ ޖަލީލު އިސްކޮށް އިންނެވި ލަފާދޭ މަޖިލީހުގައި މަޝްވަރާ ކުރެވުނުކަމަށް އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ފަރުހަތު ޝަހީރު ކޯޓުގައި ރޭ ހެކިބަސްދީފިއެވެ.އިސް ގާޒީ ބަންދުކުރި މައްސަލައިގައި މިހާރުގެ ޑިފެންސް މިނިސްޓަރ އަދި އޭރު ޗީފް އޮފް ޑިފެންސްގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމުގައި ހެކިބަސްދެއްވަމުން ފަރުހަތު ޝަހީރު ވިދާޅުވީ، 2012ވަނައަހަރުގެ ޖެނުއަރީ 16 ވީ ދުވަހުގެ މެނދުރު ފަހުގެ ވަގުތެއްގައި އެމް.އެން.ޑީ.އެފްގެ ލަފާދޭ  މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވިކަމަށާއި، އެބައްދަލުވުމުގައި އެލާޓް ލެވެލް  ބަދަލުކުރުމަށް ލަފާދޭ މަޖިލީހުގެ މެންބަރުން ނިންމިކަމަށެވެ. އަދި އެ ދުވަހުގެ ކުރިންވެސް އޮޕަރޭޝަނެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބުނުކަމަށާއި، މޫސާއަލީ ޖަލީލާއި ސިފައިންގެ އިސްވެރިން ބައިވެރިވި  އެބައްދަލުވުންތަކުގައި ބައެއް މަދަނީ ފަރާތްތައް ހައްޔަރުކުރަންޖެހޭކަމުގެ ވާހަކަދެކެވުނުކަމަށެވެ.މި ބައްދަލުވުމުގައި ބައިވެރިވި ސިފައިންގެ އިސްފަރާތްތަކުން އެކަން ނުކުރުމަށް ވާހަކަދެއްކިނަމަވެސް އެބައްދަލުވުމުގައި މޫސާ އަލީ ޖަލީލު އެއްޗެއްވިދާޅުވި ހަނދާނެއް ނުވާކަމަށް ފަރުހަތު ޝަހީރު ވިދާޅުވިއެވެ.ރޭގެ ޝަރީއަތުގައި ދެން ހެކިބަސްދިން އޭރު މެރިންކޯގެ ކޮމަޑާން އަކަށް ހުންނެވި އަހްމަދު ނިލާމް ބުނި، އިސް ގާޒީ ހައްޔަރު ކުރުމުގެ ދެދުވަސްކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ، މޫސާއަލީ ޖަލީލުގެ ދެންނެވުމުގެ މަތިން ބައްދަލުކުރެއްވި ކަމަށާއި، އޭރުގެ ޑިފެންސް މިނިސްޓަރާއި، ހޯމްމިނިސްޓަރުގެ އިތުރުން އޭރުގެ ޕޮލިސް ކޮމިޝަނަރގެ އަދި ސިފައިންގެ އިސްވެރިން އެ ބައްދަލުވުމުގައި ބައިވެރިވިކަމަށެވެ.މި ބައްދަލުވުމުގައި، ގައުމީ ސަލާމަތަށް ނުރައްކާ ވާކަމުގެ ވާހަކަތަކެއް ދެކެވުނުކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާވާފަދަކަމެއް އޮތްނަމަ އެކަމާ ކުރިމަތިލައްވާނެކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވިކަމަށްވެސް ނިލާމް ވަނީ ޝަރީއަތުގައި ހެކިބަސްދީފައެވެ.ރޭގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ހަ މީހެއްގެ ހެކިބަސް ނެގިއިރު އިސް ޤާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރީ ގަދަކަމުން ކަން ސާބިތުކުރަން ހުށަހެޅި ހެކިންގެ ތެރެއިން ދެ މީހަކާއި އިސް ގާޒީ ބަންދުކުރަން އޭރުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވިކަން ސާބިތުކުރަން ހުށަހެޅި ހެކިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ހިމެނެއެވެ.ރޭގެ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ އިސް ޤާޒީ އަބްދުﷲ މުހައްމަދުގެ އަނބިކަނބަލުންނާއި އަނބިކަނބަލުންގެ ދައްތަ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެމުން ބުނީ، ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންދިޔައީ ސިފައިންގެ ޔުނީފޯމްގައި މޫނު ނިވާކޮށްގެންތިބި، ބައެއްކަމަށާއި، އެމީހުން ޤާޒީ އަބްދުﷲ މުހައްމަދު ދިރިއުޅުއްވާ ގެއަށް ވަދެފައިވަނީ، ކޯޓް އަމުރެއްވެސްނެތިކަމަށެވެ. އަދި އިސް ގާޒީއާއި ބެހޭ ޚަބަރެއްވީ ޖެހިގެންއައިރޭ ނުވަގަޑިބައި އެހާއިރު ކަމަށާއި، އޭގެ ފަހުންވެސް ގުޅުނުކަމާ، ނަމަވެސް އޭރުގުޅުނީ ގިރިފުށީގައި ހުރި އެހެން މީހަކަށް ގުޅައި  އެމީހާ މެދުވެރިވެގެންކަމަށެވެ. ރޭގެ އަޑުއެހުމުގައި ދައުލަތުން ވަނީ މޫސާ އަލީ ޖަލީލާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ހިމެނޭ އިސް ގާޒީ އަބްދުﷲ މުހައްމަދާއި، ޗީފް އިންސްޕެކްޓާ އަހުމަދު ޝާކިރާއި އިތުރު އެހެން މީހެއް ކޯޓަށް ހާޒިރު ނުކުރިޔަސް އެންމެ ރަނގަޅުކަމަށާއި، ނަމަވެސް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހާ އިސްމާއިލް އަތީފްގެ އިތުރުން ވައިސް ވަހީދާއި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ހާޒިރުކޮށް ހެކިބަސް ނަގަން ބޭނުންވާ ކަމަށް ބުނެފައެވެ.ފަސީހާއި އަތީފްގެ އިތުރުން ވައިސް ވަހީދާބެހޭ މައުލޫމާތު ތިން ދުވަހުގެ ތެރޭގައި  ދައުލަތުން ހުށަހަޅަން ޖެހޭކަމަށް ޝަރީއަތުގެ މަޖިލީހުންވަނީ އަންގާފައެވެ.