ޚަބަރު

ހުރާގެ ކުރީގެ ތަރިން ތިބީ ރަށުގައި ފުޓުބޯޅަ ކުރިއަރުވަން ތައްޔާރަށް - ކ.ހުރާ ކައުންސިލް


ކ.ހުރާގެ ކުރީގެ ފުޓްބޯޅަ ތަރިންވެސް ތިބީ ހުރާގެ ފުޓްބޯޅަ ކުރިއެރުވުމަށް އެއްބާރުލުންދޭން ތައްޔާރަށްކަން މިހާރު ކުރިއަށްދާ ކައުންސިލް ކަޕުން އެކަނިވެސް ހާމަވާކަމަށް ހުރާ ކައުންސިލުން ބުނެފިއެވެ.

ކ.ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކައުންސިލްކަޕަކީ ވަޅުޖެހިފައިވާ ހުރާގެ ފުޓްބޯޅަ ކުރިއަރުވައި ޒުވާން ކުޅުންތެރިންނަށް ފުޓްބޯޅައިން ކުރިއަށްދާން ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތަށް އެންމެ ބޮޑަށް އެއްބާރުލުންދެނީ މަޝްހޫރު ހުއްރިއްޔާ ސްޕޯޓްސް ކުލަބުންނެވެ. އަދި މީގެ އިތުރުން ހުރާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް މި މުބާރާތުގައި ފެނިގެންދެއެވެ. މީގެ ތެރޭގައި ކުރީގެ ގައުމީ ޓީމްގެ ފޯވާޑް މައުސޫމް އަބްދުލްޣަފޫރާއި، ކުރީގެ ޤައުމީ ކީޕަރު އިސްހާގު އީސާގެ އިތުރުން ކުރީގެ އެއްވަނަ ފޯވާޑް އަލީ ޝިހާމް ވެސް މި މުބާރާތުގައި އަންނަނީ ކުޅެމުންނެވެ.

ހުރާ ކައުންސިލްގެ ނައިބް ރައީސް ފަޔާޒް އިބްރާހިމް ވިދާޅުވީ ހުރާގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި އަބަދުވެސް މި ކުޅުންތެރިންގެ އެހީތެރިކަން ލިބޭކަމަށާއި، މި މުބާރާތުގެ ގިނަ ކަންކަމުގައި ހުރާގެ ކުރީގެ ތަރިންގެ އެހީތެރިކަން ލިބޭކަމަށް. އަދި މި މުބާރާތް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީވެސް އައު ތަރިންތަކެއް އަނެއްކާވެސް ފުޓްބޯޅަ ދަނޑަށް ނެރެ، އަނެއްކާވެސް ހުރާ ފުޓްބޯޅަ ރާއްޖޭގައި ވިދާލުންކަމަށް.

"ހުރާގެ ފުޓުބޯޅަ ކުރިއަރުވަން ރަށުގެ ކުރީގެ ތަރިންގެ އެއްބާރުލުން އަބަދުވެސް ލިބޭ، މި މުބާރާތް ބޭއްވުމުގެ ބޭނުމަކީވެސް އަލުން ރާއްޖޭގައި ހުރާ ފުޓުބޯޅައިގެ ނަން ވިދާލުން، އެއީ އުންމީދަކީވެސް،" ފަޔާޒް ވިދާޅުވިއެވެ.

ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 18 ޓީމް އަންނަނީ ވާދަކުރަމުންނެވެ. އަދި މި މުބާރާތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުންއަންނަ ގިނަ ކުޅުންތެރިންތަކެއް އެކި ޓީމުތަކަށް ކުޅެމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.