އެއަރޕޯޓް ސަރވިސް ޗާޖު އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ، ޖެނުއަރީމަސް ނިމުނުއިރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ސަތާރަ ޕޮއިންޓް ހަތަރެއް އިންސައްތަ އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ މަހުގެ މާލީ ރިޕޯޓުގައިވާގޮތުން ޖެނުއަރީމަހު ދައުލަތަށް ދޭއް ޕޮއިންޓް ނުވައެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީމަހު ދައުލަތަށް ލިބުނު ދޭއް ޕޮއިންޓް ހަތަރެއް ބިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ އިތުރު އަދަދެކެވެ.
އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާއިރު، މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހުސްވި އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު، ހައެއް ޕޮއިންޓް ފަހެއް އިންސައްތަ އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އެއަރޕޯޓް ސަރވިސް ޗާޖަކީ ރާއްޖޭގެ އެއަރޕޯޓްތަކުން ބޭރަށް ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރުގެ ރޭޓުގައި ނަގާ ޓެކުހެކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ފަންސާސް ނުވައެއް ޕޮއިންޓް ދޭއް މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ހުސްވި އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު ހަތާވީސް އިންސައްތަ އިތުރު އަދަދެކެވެ.
ހުސްވި އަހަރުގެ ފުރަތަމަ މަހު ދައުލަތުން ކޮށްފައިވާ ޚަރަދުތަކާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަމަހު ދައުލަތުންކޮށްފައިވާ ޚަރަދުތައް ކުޑަކަން ފާހަގަވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަަމަމަހު ދައުލަތުން ވަނީ ދެ ބިލިއަން ޑޮލަރުގެ ޙަރަދެއް ކޮށްފައެެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ މަހު ދައުލަތުގެ ޚަރަދުތައް ހުރީ އެކެއް ޕޮއިންޓް ދޭއް ބިލިއަން ރުފިޔާގައެވެ.
ސަރުކާރުގެ ޚަރަދުތައް ދަށަށް ގޮސްފައިވާކަމަށް ބެލެވެނީ، އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ކޮށްފައިވާ ޚަރަދުތަކާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކަށް އެމުއްދަތުގައި ސަރުކާރުން ކޮށްފައިވާ ޚަރަދުތައް ދަށްވެފައިވުމުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ޖެނުއަރީމަހު ދައުލަތުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ދިނުމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ މަހު ސަރުކާރު މުވައްޒަފުންނަށް އެލަވަންސްތައް ދިނުމަށް ދުއިސައްތަ ނުވަދިހަ މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ހުސްވި އަހަރުގެ ޖެނުއަރީމަހު މުވައްޒަފުންނަށް އެލަވަންސްގެ ގޮތުގައި ޙަރަދުކޮށްފައިވާ އަދަދާއި އަޅާ ބަލާއިރު ބާރަ އިންސައްތަ އިތުރު އަދަދެކެވެ.