ހުސްވި އަހަރު އެމެރިކާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި އަހަރު އެމެރިކާއިން ރާއްޖެއަށް 42،901 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިއީ 2017ވަނަ އަހަރު ރާއްޖެއަށް އެޤައުމުން ޒިޔާރަތްކުރި 39،180 ފަތުރުވެރިންނާއި އަޅާ ބަލާއިރު %9.5 އިތުރު އަދަދެކެވެ.
ހުސްވި އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މުޅި ޖުމްލަ ފަތުރުވެރިންގެ %2.9 އަކީ އެމެރިކާ ފަތުރުވެރިންކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އެމެރިކާވެފައިމިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމަކަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ތެރޭގައި އެމެރިކާ ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
އެމެރިކާގައި ރާއްޖެ އިޝްތިހާރުކޮށް، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމެރިކާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއާއި ގުޅިގެން މަސައްކަތްކުރާނެ އެޖެންސީއެއް ހޯދުމަށް އެމްއެމްޕީއާރުސީންވަނީ މިދިޔަ އަންގާރަދުވަހު އިއުލާންކޮށްފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދުވަނީ 1.4 މިލިއަން އަށް އަރާފައެވެ. އެއަދަދަކީ 2017ވަނަ އަހަރުގެ އެމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު %6.8 އިތުރު އަދަދެކެވެ.
މި އަހަރުގެ ތެރޭގައި 20 ރިސޯޓް އަލަށް ހުޅުވިގެންދާއިރު ޓޫރިސްޓް އެނދުގެ އަދަދު 47،000 އަށް ވުރެ އިތުރުވެގެންދާނެއެވެ. އަލަށް ހުޅުވާ ރިސޯޓްތަކާއިއެކު، ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ.
ދުނިޔޭގެ އިތުރު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށްވެސް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.