ޚަބަރު

"ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަންގެ" ބައްދަލުވުމުގައި ބައިވެރިވުމަށް ޖެންޑަރ މިނިސްޓަރ ނިޔުޔޯކަށް ފުރާވަޑައިގެންފި


އ.ދ ގެ މައި އިދާރާގައި ކުރިއަށް ގެންދާ "ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަންގެ" 63 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.

ހޯމަ ދުވަހުން ފެށިގެން ހަފްތާއެއްގެ ނިޔަލަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވަނީ ސޯޝަލް ޕްރޮޓެކްޝަންއާއި އަންހެނުންގެ ކުރިއެރުމާ ގުޅޭ ސެޝަންތަކުގައެވެ. އަދި "ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަންގެ" 63 ވަނަ ބައްދަލުވުމުގައިވެސް މިނިސްޓަރ ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓަރ ޝިދާތާ ވިދާޅުވީ މި ސެޝަންގައި ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި އަންހެނުންނާއި އަންހެންކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ބެއިޖިން ޑިކްލަރޭޝަންއާއި ސީޑޯގައި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތައް ރާއްޖޭގައި ތަންފީޒް ކުރަމުންދާ މިންވަރު ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ މާހައުލުގައި އަންހެނުންނަށް ލިބިދޭންޖެހޭ މާހައުލުގައި ހަމަހަމަކަން ޤާއިމްކުރުމާއި ޝަކުވާ ހުށައަޅާނެ ނިޒާމްތައް ޤާއިމްކުރުމާއި މިފަދަ ކަންކަމަށް ބާރުއެޅުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ." މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި އެކުލަވާލާފައިވާ ޖެންޑަރ އިކުއަލިޓީ ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޒްކުރުމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ބޭރުގެ ޤައުމުތަކާއެކު ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒްކުރުމަށް ބާރުއެޅުމަށްޓަކައި ކުރަމުންދާ މަސައްކަތްތައްވެސް ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަން" އަކީ މިންތީގެ ހަމަހަމަކަން ޤާއިމްކޮށް އަންހެނުން ބާރުވެރިކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްކުރާ ކޮމިޝަނެކެވެ. އެގޮތުން މި ކޮމިޝަންގެ ބައްދަލުވުމެއް ކޮންމެ އަހަރަކު 2 ފަހަރު ބާއްވާއިރު މި ސެޝަންތަކުގައި އ.ދ ގެ މެމްބަރު ޤައުމުތަކުގެ އިތުރުން ޔޫއެންގެ އެޖެންސީތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެއެވެ.