ސިޔާސީ

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި


އައްޑޫ ސިޓީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އެނބުރި މާލެ ވަޑައިގެންފިއެވެ.

އަންނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމުގެ ގޮތުން އައްޑޫ ސިޓީއަށް ރައީސް ޞާލިޙު ވަޑައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ. އައްޑޫއަށް އެމަނިކުފާނު ވަޑައިގަތުމުން ވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އައްޑޫ ސިޓީއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މަރަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތް ވާހަކަފުޅުދައްކަވާފައެވެ. އެ ޖަލްސާގައި އެމަނިކުފާނު ވަނީ އައްޑޫ ސިޓީ ތަރައްޤީ ކުރުމުގެ ތަޞައްވަރެއް ސަރުކާރުން ގެންގުޅުއްވާކަން ހާމަ ކުރައްވާފައެވެ. އަދި އައްޑޫގެ ތަރައްޤީއަށް 5.3 ބިލިއަން ރުފިޔާގެ މެގަ ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް ޞާލިޙު ވަނީ މި ޖަލްސާގައި ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން އެމަނިކުފާނު ވަނީ އެ ސިޓީގެ ވަކިން އޮންނަ ހުޅުމީދޫއަށްވެސް ވަޑައިގެންފައެވެ. އަދި ހުޅުމީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެ ވާހަކަފުޅުގައި ދަޢުލަތުގެ ބައިތުލްމާލުން ވައްކަން ކުރި މީހުންނަށް ޤާނޫނު އަރާ ހަމަކުރާނެ ކަމަށާއި އެ މަސައްކަތް ސަރުކާރުން މެދުކެނޑުމެއް ނެތި ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙު ވަނީ އައްޑޫ ސިޓީ ހިތަދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިދެއްވާފައެވެ.