އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން މާލޭ ސަރަޙައްދުގައި ވިޔަފާރިކުރާ 11،000 ތަނެއް ހިންގަމުންދިޔަނަމަވެސް ވިޔަފާރީގެ އުސޫލުން ކުނި އުކުމަށް ވެމްކޯގައި ރަޖިސްޓްރީކޮށްފައިވަނީ 1500 ތަނަކުން ކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ.
މާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކުގެ މަޢުލޫމާތު އެއްކުރުމަށްޓަކައި "މާކެޓް ސާވޭ"އެއް ހެދުމުގެ މަސައްކަތް ވެމްކޯއިން ވަނީ ފަށާފައެވެ.
"މާކެޓް ސާވޭ" އެއް ހިންގުމަށް ވެމްކޯއިން ނިންމާފައިވަނީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ބޭނުންކުރާ މާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކާއި އަދި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އިތުރުން އަލަށް އުފައްދާފައިވާ ވިޔަފާރިތަކުގެ އެންމެ ފަހުގެ ތަފްސީލް މަޢުލޫމާތު އެއްކުރުމަށްޓަކައިއެވެ.
މާކެޓް ސާވޭއާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ، މި ސަރވޭގައި ކޮމާޝަލް ތަންތަނުގެ ގޮތުގައި ރަޖިސްޓްރީނުކޮށް ވެމްކޯ މެދުވެރިކޮށް ކުނި އުކަމުންދާ ފަރާތްތައް ހޯދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔަޤީންވާ ކަމަކީ މި ހުރިހާ ތަންތަނެއްގެ ކުނި، ކޮންމެވެސް ގޮތަކުން ވެމްކޯއަށް އެބައާދޭ، އަޅުގަނޑުމެން މިދޭ ޙިދުމަތުގެ އަގު އަޅުގަނޑުމެންނަކަށް ނުލިބޭ، އެހެންކަމުން ދިރާސާއެއް ކޮށް، މިވާ ގޮތެއް ބެލުމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން މި ފަށަނީ،" އާދަމް މުޙައްމަދު ވިދާޅުވިއެވެ.
ވެމްކޯއިން ދެމުންދާ ޙިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް އެކުންފުނިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ސަރވޭގެ ސަބަބުން ވެމްކޯއިން މިހާރު ދެމުންދާ ޙިދުމަތް އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެދޭނެ ކަމަށް އާދަމް މުޙައްމަދު ވިދާޅުވިއެވެ.
"މި ސާވޭގައި އަޅުގަނޑުމެން މިބަލަނީ ރައްޔިތުން ފައިސާ ނުދައްކަވަނީ ކީއްވެގެންތޯ، ކޮމާޝަލް ޔުނިޓްތަކުން ފައިސާ ނުދައްކަވަނީ ކީތްވެގެންތޯ، ދިރާސާކޮށް ބެލުމަށް ފަހު އަޅަން ޖެހޭ ފިޔަވަޅުތަކާއި، ކުރަން ޖެހޭ މަސައްކަތްތައް، ޙިދުމަތްތަކަށް ގެންނަން ޖެހޭ ބަދަލްތަކާއި އިތުރަށް ތަރައްޤީކުރަންޖެހޭ ކަންތައްތައް އެނގިގެން ދިޔުމުން ވަރަށް ބޮޑުތައް އަޅުގަނޑުމެންނަށް ފަސޭހަވެގެންދާނެ،" އާދަމް މުޙައްމަދު ވިދާޅުވިއެވެ.
މާކެޓް ސާވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ މަޖީދީމަގާއި ރޯޝަނީމަގު ގުޅޭ ސަރަހައްދުގެ އިތުރުން ބޮޑުތަކުރުފާނު މަގާއި އަސްރަފީމަގު ހިމެނޭ ސަރަޙައްދުގެ ގޭބިސީތަކައި ވިޔަފާރިތަކެވެ.
ވެމްކޯއިން މީގެ ކުރިން 2017 ވަނަ އަހަރު ވަނީ ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ކުރިން ޢާއްމުންގެ ޚިޔާލު ހޯދުމަށްވެސް "މާކެޓް ސާވޭ"އެއް ކުރިއަށް ގެންގޮސްފައެވެ. މިއީ މާލޭގައި މިފަދަ މާކެޓް ސާވޭއެއް ކުރާ ފުރަތަމަ ފަހަރެވެ.