ހުސްވި އަހަރުގެ ފަހު ކުއަރޓަރގައި ރާއްޖޭގެ އިމާރަތްކުރުމުގެ ސިނާއަތް ކުރިއަރާފައިވާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭގެ ކުއަރޓަލީ ބިޒްނަސް ސާވޭއިން ދައްކައިފިއެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ކުއަރޓަލީ ބިޒްނަސް ސާވޭ ރިޕޯޓުގައިވާގޮތުން އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކެއްގެ ވިޔަފާރި މަޑުޖެހިފައިވާކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާ ބަލާއިރު ހަތަރު ކުއާޓާގައި ކޮންސްޓްރަކްޝަން ސިނާއަތުގެ މަސައްކަތްތައް ވަނީ %2 ދަށަށް ގޮސްފަ އެވެ.
ހުސްވި އަހަރުގެ ފަހު ކުއާޓަރެކޭ އެއްފަދައިން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް އިމާރާތްކުރުމުގެ ދާއިރާ އިތުރަށް މަޑު ޖެހިގެންދާނެކަމަށް އެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ވިޔަފާރިތަކުން ވަނީ ލަފާކޮށްފައެވެ.
އިމާރަތްކުރުމުގެ ސިނާއަތް ކުރިއެރުން ދަށަށްގޮސްފައިވަނީ މައިގަނޑުގޮތެއްގައި އިމާރަތްކުރުމަށް ބޭނުންވާ ތަކެތީގެ އަގު އުފުލުމާއި، މަސައްކަތްކުރުމަށް ދިވެހިން ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުންކަމަށް ސާވޭގެ ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.
މި ސާވޭގައި ބައިވެރިވި ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ ސިނާއަތުގެ އިތުރުން ތަކެތި އުފެއްދުމުގެ ސިނާއަތުންވަަނީ 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރުގައި ވިޔަފާރި ރަނގަޅުވެފައިވާކަން ފާހަގަކޮށްފައެވެ.
އެގޮތުން ރާއްޖޭގެ މެނުފެކްޗަރިންގ ސެކްޓަރ ނުވަތަ ތަކެތި އުފެއްދުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ %90 ފަރާތަކުން ބުނެފައިވަނީ އެކުއަރޓަރގައި ލިބުނު އޯޑަރުތަކުގެ އަދަދު އިތުރުވުމާއި އެކު އުފެއްދުންތެރިކަންވެސް އިތުރުވެފައިވާ ކަމަށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން އާއްމުކޮށްފައިވާ ' ކުއަރޓަލީ ބިޒްނަސް ސަރވޭ' ރިޕޯޓަކީ ރާއްޖޭގެ އިޤްތިސާދުގައި އެންމެބޮޑު ދައުރެއް އަދާކުރާ ސިނާއަތްތަކުގެ ބައިވެރިވުމާއި އެކު ކުރިއަށްގެންގޮސްފައިވާ ސާވޭއެކެވެ. އެގޮތުން މި ސާވޭގައި އިމާރަތްކުރުމުގެ ސިނާއަތް، ތަކެތި އުފެއްދުމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް އަދި އާއްމު ވިޔަފާރިތަކުގެ ފަރާތްތައް ވަނީ ބައިވެރިކޮށްފައެވެ.
މި ސާވޭގައި ވަނީ ވިޔަފާރީގެ މާހައުލުގެ ޙާލަތު ދެނެގަނެ ވަކިވަކި ސިނާއަތްތަކަށް އަންނާނެ ކަމަށް ލަފާކުރެވޭ ކުރިއެރުންތަކާއި ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު ހޯދާފައެވެ. މި ސަރވޭގައި ސަތޭކައެއްހާ ފަރާތަކުންވަނީ ބައިވެރިވެފައެވެ.