ވިޔަފާރި

މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ބަލާ ހައްލުކުރަން ކުރަންޖެހޭ ކަންތައްތައް ކުރަމުންމިދަނީ- އައިލެންޑް އޭވިއޭޝަން


އިއްޔެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ދަތުރުކުރި މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލަ ބަލާ ހައްލުކުރަން ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަންގެ ފްލައިޓެއް އިއްޔެ އެމަރޖެންސީގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ ލޭންޑިންގ ގިއަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންގެންނެވެ. އެކަމުގެ ސަބަބުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެ ފްލައިޓް ޖެއްސުނީ އެއް ގަޑިއިރާއި 20 މިނެޓު ފަހުންނެވެ.

އެ ބޯޓުގައި 44 ޕަސިންޖަރުން ތިއްބެވެ. އޭގެތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. މޯލްޑިވިއަނުން ބުނީ އެ އެއަރލައިންގެ Q2118 ފްލައިޓުގެ ލޭންޑިން ގިއަރަށް މައްސަލައެއް ދިމާވި ނަމަވެސް ފްލައިޓު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޯޓު ޖެއްސީ އެހެން "އޯލްޓަރނޭޓިވް"އެއްގެ ދަށުން ކަމަށެވެ. އެނގިފައިވާ ގޮތުގައި ފްލައިޓު ލޭންޑު ކުރީ މެނުއަލްކޮށް ލޭންޑިން ގިއަރު ވައްޓާލައިގެންނެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބޯޓުން ދަތުރުކުރި ފަސިންޖަރުންނަށް ދިމާވި ދަތިތަކާއި އިހްސާސްކުރަންޖެހުނު ނުތަނަވަސްކަމަށް އެ ކުންފުނިން ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން” އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންމެހައި ޤަވައިދުތަކާއި އަދި ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ އިދާރާ އައިކްރޯ އިން ކަނޑައަޅައިފައިވާ އެންމެހައި ޤަވައިދުތަކާއި މިންގަނޑުތަކުގެ ތެރޭގައި އޮޕަރޭޓްކުރަމުން އަންނަ އެއަރލައިނެކެވެ.
މޯލްޑިވިއަނުން ބުނީ އެ އެއާލައިނަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅައިފައިވާ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް، ކަނޑައެޅިފައިވާ ޤަވައިދުތަކުގެ އިމުގެ ތެރެއިން މަސައްކަތްކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި އެ އެއަރލައިނަކީ ޤަވާއިދުން އޮޑިޓްކުރެވޭ އެއަރލައިނެއް ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ހާމަކުރެއެވެ.