ޚަބަރު

4 ރަށެއްގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރުމަށް ޢިމާރާތް ޑިޒައިން ކޮށްދޭނެބަޔަކު ހޯދަނީ


ހަތަރު ރަށެއްގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރުމަށް ކުރަންޖެހޭ ޢިމާރާތް ޑިޒައިންކުރާނެ ފަރާތެއް ހޯދުމަށް ހެލްތް މިނިސްޓް އިޢުލާންކޮށްފިއެވެ.

ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ނިންމާފައިވަނީ ހއ.އިހަވަންދޫއާއި ރ.މީދޫއާއި އދ.މާމިގިއްޔާއި ތ.ތިމަރަފުށީގެ ސިއްޙީ މަރުކަޒެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ހަވަނަ ދުވަހާހަމަޔަށް ވަނީ ހުޅުވާލާފައެވެ. ހެލްތް މިނިސްޓްރީން މީގެ ކުރިންވަނީ ނ.ވެލިދުއާއި ޅ.ހިންނަވަރުގެ ސިއްޙީ މަރުކަޒުވެސް ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރަން ނިންމަވާފައެވެ.

މީގެއިތުރުން ރ. މަޑުއްވަރީ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ޑިޒައިންކުރާނެ ފަރާތެއް ހޯދުމަށްވެސް އެމިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ. އަދި ގދ.މަޑަވެލި ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް ވަނީ އިޢުލާންކޮށްފައެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ ސިއްޙީ ޙިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން އެރަށްރަށުގައި ދެމުންގެންދާ ސިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

އެގޮތުން ހޮސްޕިޓަލުގެ ދަރަޖައަށް ބަދަލުކުރުމަށް ނިންމަވާފައިވާ ރަށްތަކުގައި އެޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް މިހާރު ފަށާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަލަށް ހަދާ ހޮސްޕިޓަލްތަކާއި އިތުރަށް ތަރައްޤީކުރާ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީކުރާއިރު އެކަމަށް ވިސްނައި އެތަންތަނާ އެކަށީގެންވާވަރަށް ޕްރައިވެޓް ރޫމްތައްވެސް ހެދުމަށް ނިންމަވާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.