ހުޅުމާލޭގެ އެކިއެކިސަރަޙައްދުތަކުގައި ހުރި ބަސްސްޓޮޕްތައް އަލުން ތަރައްޤީކުރުމުގެ މަސައްކަތް އެޗްޑީސީން ފަށްޓަވައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބަސްސްޓޮޕްތައް ތަރައްޤީކުރަމުންދާ ވަގުތުތަކުގައި އެސަރަޙައްދުތަކުގައި ފެންސް ޖަހައި ބަންދުކުރާނެކަމަށެވެ. އަދި ވަގުތީގޮތުން އެސަރަޙައްދުގައި ބަސް މަޑުކުރާނެ ތަންތަން ފާހަގަކޮށް ބޯޑު ބަހައްޓާފައި ހުންނާނެކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.
ހުޅުމާލޭގެ ބަސްސްޓޮޕްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާއިރު މިހާރު ހުޅުމާލޭގައިހުރި ބަސް ސްޓޮޕްތަކަކީ ޖާގައިގެގޮތުން ކުޑަ، ފަސޭހައިން އިށީދެގެން ތިބޭނެ އިންތިޒާމު ހަމަޖައްސާފައިނުވާ ތަންތަނެވެ. މިހާރުހުރި ބަސްޓޮޕްތަކަކީ އެތަނުގައި ތިބޭ މީހުންނަށް ހިޔާވެވޭނެ މާބޮޑު އިންތިޒާމެއް ހަމަޖެހިފައިވާ ތަންތަނެއްވެސް ނޫނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ބަސް ސްޓޮޕްތައް އަލުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފަސޭހައިން އިށީދެ ތިބެވޭނެ ގޮތަކަށް މިހާރަށްވުރެ ޖާގައިގެން ގޮތުންވެސް ބޮޑުކޮށް ކަމަށެވެ. އަދި ބަސްސްޓޮޕްތައް ތަރައްޤީކުރާނީ ވާރެއާއި އަވިން ހިޔާވާނެފަދަގޮތަކަށް ކަމަށްވެސް ސުހައިލް ވިދާޅުވިއެވެ. ބަސްސްޓޮޕްތައް ތަރައްޤީ ކުރުމާއެކު އިތުރު ބަސްސްޓޮޕްތައް ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގައި ހަދާފައިވާ ބަސްސްޓޮޕްތައް ތަރައްޤި ކުރާއިރު މާލޭގައި މިހާރު ހުރި ބަސް ސްޓޮޕްތައް ވެސް ޢާންމުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.