ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް އޮޕަރޭޓަރ، ކުއޯނީ މެދުވެރިކޮށް މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރާއްޖެއަށްކަމަށް ކުއޯނީގެ އަހަރީ ރިޕޯޓްގައި ބުނެފިއެވެ.
ކުއޯނީން ކޮންމެ އަހަރަކު ނެރޭ އަހަރީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ކުއޯނީގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލަކަށް ރާއްޖެ ހޮވުނުއިރު، މިއީ ރާއްޖެއިން މިމަޤާމު ވިދިވިދިގެން ހޯދި 16 ވަނަ އަހަރެވެ.
އިނގިރޭސިވިލާތުގައި އޮޕަރޭޓްކުރާ ޓްރެވަލް އޮޕަރޭޓަރެއްކަމަށްވާ ކުއޯނީގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ 10.2 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިތުރު ރިސޯޓްތައް ހުޅުވުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު މިއަހަރުވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް 50 އަހަރުވެފައިވާ ޓްރެވަލް އޮޕަރޭޓަރެއްކަމަށްވާ ކުއޯނީން ބުނެއެވެ.
ކުއޯނީގެ އަހަރީ ރިޕޯޓްގައި ރާއްޖެއާ ބެހޭގޮތުން ފާހަގަކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި، ކުއޯނީ މެދުވެރިކޮށް ރާއްޖެ ދަތުރުކުރި ފަތުރުވެރިން ސީ ޕްލޭން މެދުވެރިކޮށް ކުރި ދަތުރުތައް އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ހަތް ހާހަށްވުރެ ގިނަ ސީ ޕްލޭން ދަތުރު ވިއްކާފައިވާއިރު، މިއީ ކުއޯނީ މެދުވެރިކޮށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 64 އިންސައްތައެވެ.
މީގެ އިތުރުން ކުރަމަތި ރިސޯޓްގައި ހުޅުވާފައިވާ ފަދަ އިކޯ ސެންޓަރުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކާ ގުޅޭ މަޢުލޫމާތު ތަފާތު ގޮތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ސަބަބުން ފަތުރުވެރިންގެ ޝަޢުޤުވެރިކަން ރާއްޖެއާމެދު އިތުރުވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ޕްލާސްޓިކާ ދުރުވެ، ތިމާވެއްޓާ ރަށްޓެހި ބާވަތްތައް ބޭނުންކުރުމަށް ރާއްޖޭގެ ރިސޯޓްތަކުންކުރާ މަސައްކަތްވެސް ކުއޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންނާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭ ޓްރެވަލް އޮޕަރޭޓަރެއްކަމަށްވާ ކުއޯނީއަކީ 1906 ވަނަ އަހަރު ޤާއިމްކުރި ޓްރެވަލް އެޖެންސީއެކެވެ. ފާއިތުވި ފަންސާހަކަށް އަހަރުދުވަހުގެ ތެރޭގައި، ކުއޯނީން ވަނީ ފަތުރުވެރިކަމާ ގުޅޭ ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކޮށް، ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ޓްރެވަލް އޮޕަރޭޓަރަކަށްވެފައެވެ.