ޚަބަރު

ރެއާލްގެ ކޯޗުކަމާއި ޒިދާން ހަވާލުވުމުގައި ކުޅުންތެރިންގެ ދައުރެއް ނޯންނާނެ - ރާމޯސް


ޒިދާން ރޭއާލް މެޑްރިޑާއި ދެވަނަ ފަހަރަށް ހަވާލުވުމުގައި ކުޅުންތެރިންގެ އެއްވެސް ރޯލެއް ނޯންނާނެކަމަށް ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ރާމޯސް މިހެން ބުނީ ކުރީގެ ކޯޗު ސަންތިއާގޯ ސޮލާރީ މާގާމުން ވަކި ކުރުމުގައި ޓީމްގެ ސީނިއަރ ގިނަ ކުޅުންތެރިންގެ ހިއްސާ އޮތްކަމަށް މީޑިޔާގައި އަޑު ފެތުރިފައިވަނިކޮށެވެ. ރާމޯސްއާއިއެކު ޑިފެންޑަރ މާސެލޯވެސް ޒިދާން އެނބުރި ކޯޗުކަމަށް ގެނައުމަށް މަސައްކަތްކުރިކަމަށް ބައެއް މީޑީޔާތަކުން ތުހުމަތުކުރެއެވެ.

ރާމޯސް ބުނީ ޒިދާން އެނބުރި އައުމަކީ ޓީމްގެ ހުރިހާ ކުޅުންތެރިންނަށްވެސް ލިބުނު އުފާވެރި ހަބަރެއްކަމަށެވެ. އެހެންނަމަވެސް އެ ނިންމުމަކީ އޭނާގެ ނިންމުމެއް ނޫންކަމަށް ރާމޯސް ބުންޏެވެ.

ރާމޯސް ބުނީ ކެޕްޓަނެއްގެ ހައިސިއްޔަތުން އޭނާގެ ހިޔާލަކަށް އަހައިފިނަމަ ހިޔާލުދިނަސް ނިންމުން ނިންމާނީ މެނޭޖްމަންޓުންކަމަށެވެ. އަދި ރެއާލް މެޑްރިޑަކީ އެންމެ މީހަކު ނިންމާ ގޮތަކަށް ކަން ހިނގާނެ ކުލަބެއް ނޫންކަމަށް އޭނާ ބުންޏެވެ.

ސާޖިއޯ ރާމޯސްއަކީ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒާއި ވަރަށް ގާތް ކުޅުންތެރިއެކެވެ. އަދި ކޯޗު ޒިދާންގެ އެންމެ ގާތް ކުޅުންތެރިންގެ ތެރޭގައިވެސް ރާމޯސް ހިމެނެއެވެ.