ޚަބަރު

ކުޅިވަރުގެ އެކި ހަރަކާތްތައް ހިންގާ ކޮންމެ ޖަމިއްޔާއަކަށްވެސް މިނިސްޓްރީގެ އެއްބާރުލުން ލިބޭނެ - އައްސަދު ޢަލީ


ކުޅިވަރުގެ އެކި ހަރަކާތްތައް ހިންގާ ކޮންމެ ޖަމިއްޔާއަކަށްވެސް، ކުޅިވަރާބެހޭ ވުޒާރާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ވިދާޅުވީ ކުޅިވަރު މުބާރާތްތައް ހިންގާ ފަރާތްތަކަކީ ކުޅިވަރު ކުރިއެރުމުގެ މުހިންމު ބައެއްކަމަށާއި، މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަން އެފަރާތްތަކަށް ލިބޭނެކަމަށެވެ.

ކުލަބު މޯލްޑިވްސް ކަޕް ފެށުމުގެ ގޮތުން ކުޅޭ ޚާއްސަ މެޗުގައި މިރޭ ޔޫތް މިނިސްޓްރީގެ ޓީމާއި ކުރީގެ ފުޓްބޯޅައިގެ ތަރިން ވާދަކުރާ މެޗުގައި މިނިސްޓްރީގެ އިސްވެރިން ބައިވެރިވާނެއެވެ. ނައިބް ރައީސް ފައިސަލް ނަސީމްގެ ކެޕްޓަންކަމުގެ ދަށުން ނިކުންނަ ޓީމްގައި އެކްޓިންގ ޔޫތް މިނިސްޓަރ އަލީ ވަހީދާއި، ސްޓޭޓް މިނިސްޓަރ އައްސަދު އަލީގެ އިތުރުން ފުޓްބޯޅައިގެ މިހާރުގެ މަޝްހޫރު ކޯޗުން ހިމެނެއެވެ.

މި ޓީމަށް ދެކޮޅަށް ނިކުންނަ ކުރީގެ ތަރިންގެ ޓީމް ލީޑް ކުރައްވަނީ ކުރީގެ ޤައުމީ ކެޕްޓަން އިބްރާހިމް ނޫރައްދީންއެވެ. މީގެ އިތުރުންވެސް ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު ކުޅުނު މަޝްހޫރު ކުޅުންތެރިން މި ޓީމްގައި ހިމެނެއެވެ.

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ ވިދާޅުވީ ކުލަބު މޯލްޑިވްސްއިން މި ކުރާ މަސައްކަތުގައި މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި، މި މެޗުގައި އެ ވުޒާރާގެ ވެރިން ބައިވެރިވުމަކީ އޭގެ ހެއްކެއްކަމަށެވެ.