ސިޔާސީ

މޫސާ އަލީ ޖަލީލުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތެއް ނުވި


ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަބްދުއްﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ޗީޕް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުލަތުން ކުރި ޓެރެރިޒަމްގެ ދައުވާ ސާބިތު ނުވާކަމާށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.މި މައްސަލަ ނިންމުމަށް މިރޭ ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިސްޤާޟީ އަބްދުއްﷲ މުހައްމަދު ހައްޔަރުކުރުމުގައި މޫސާ އަލީ ޖަލީލް ބައިވެރިވިކަން ޝަރީއަތަށް ހުށައަޅާފައިވާ ކިތާބީ ހެކިތަކާއި ހެކިވެރިންގެ ހެކިބަހުން ސާބިތުވެފައި ނުވާކަމަށެވެ.މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވި ނިންމެވުމުގައި ވިދާޅުވެފައިވަނީ 2012 ވަނައަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޤާޟީ އަބްދުއްﷲ މުހައްމަދު ހައްޔަރު ކުރިކަމަށާއި، އަދި ޤާޟީ ހައްޔަރުކުރީ ގަދަކަމުންކަން ކޯޓަށް ސާބިތުވެފައި ވިޔަސް މި ކަމުގައި މޫސާ އަލީ ޖަލީލް ބައިވެރިވެފައިވާކަން ދައުލަތުން ހުށައެޅި ހެކިތަކުން ސާބިތުކޮށްދެވިފައިނެތްކަމަށެވެ.މޫސާ އަލީ ޖަލީލްގެ މައްޗަށް މައިގަނޑު 4 ކަމެއް ސާބިތުކުރުމަށް ދައުތަލުންވަނީ 11 ޝަފަހީ ހެކިންނާއި، 26 ކިތާބީ ހެކި ޝަރީއަތަށް ހުށައަޅާފައެވެ.އެހެންނަމަވެސް މި ހެކިތަކުން މޫސާ އަލީ ޖަލީލްގެ މައްޗަށް ޤާނޫނު އަސާސީގައި ބުނާގޮތަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވެފައި ނުވާކަމަށް ހުކުމްގައިވެއެވެ.2012 ވަނަ އަހަރު އެމް.އެން.ޑީ.އެފް މެދެވެރިކޮށް އިސްޤާޟީ އަބްދުއްﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 5 ފަރާތެއްގެ މައްޗަށް ދައުލަތުން ޓެރެރިޒަމްގެ ދައުވާ އުފުލާފައިވެއެވެ.ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާޙީމް ކަލޭފާނާއި، ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޫސާ އަލީ ޖަލީލާއި، ކުރީގެ މާލޭއޭރިއާގެ ކޮމާންޑަރ އިބްރާހީމް މުހައްމަދު ދީދީއާއި، ކާނަލް ޒިޔާދުގެ މައްޗަށެވެ.މިބޭފުޅުންގެތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުވެ، މިހާރުވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.