ސްޕެއިންގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައިި ޙާއްސަ ހަރަކާތެއް ކުރިއަށްގެންދިޔުމަށް އެމްއެމްޕީއަރުސީން ނިންމައިފިއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ދަނީ ސްޕެއިންގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ގެނެސް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް އެކަމަށްޓަކައި ސްޕެއިންގެ މީޑިއާ ޓީމެއް ހޮވުމުގެ މަސައްކަތް ކުރަމުންނެވެ.
މިމަސައްކަތުގައި އެމްއެމްޕީއާރުސީއަށް އެހީތެރިވެދޭނެ ފަރާތެއް ހޯދުމަށް މިހާރު އިޢުލާންކޮށްފައިވާއިރު، ރާއްޖެއަށް ގެންނަ ސްޕެއިންގެ މީޑިއާ ޓީމުގައި ހައެއްކަ ނޫސްވެރިން ހިމެނޭނެއެވެ.
ނޫސްވެރިންގެ ޓީމުން ރާއްޖޭގައި ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ހޭދަކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ތަފާތު އާރޓިކަލްތައް މި ނޫސްވެރިން ގެނެސްދޭން ޖެހެއެވެ.
ސްޕެއިން އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު މާކެޓެކެވެ. ހުސްވި އަހަރު ސްޕެއިނުން ރާއްޖެއަށް 31،000 ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިއީ 2017 ވަނަ އަހަރާއި އަޅާ ބަލާއިރު %23 އިތުރު އަދަދެކެވެ.
މިއަހަރުގެ ތެރޭގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ތިން ގުނައަށް އިތުރުކުރުމަށް ސަރުކާރުން ނިންމަވާފައިވާ އިރު، އެމްއެމްޕީއާރުސީން ގެންދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާތަކުގައި ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓުކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށްވެސް އެ ކޯރޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލެވެއެވެ.