ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިންގަމުންދާ ކަންކަމުގައި އަދާލަތު ޕާޓީގެ ރައީސްގެ އަމަލުކުރައްވަމުންގެންދަވާ ގޮތް ބަދަލުކުރެއްވުމަށްއެދި ރާއްޖޭގެ ފުންނާބު އުސް ފަނަރަ އިލްމުވެރިޔަކު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ނަޞޭހަތްތެރިވެވަޑައިގަނެފިކަމަށް އެމްބީސީއަށް ޚަބަރު ލިބިއްޖެއެވެ.މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި، ނަން ހާމަކުރައްވަން އެދިވަޑައިނުގަންނަވާ ދީނީ އިލްމުވެރިއަކު އެމްބީސީ ނިއުސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ 15 ބޭފުޅަކު މިދިޔަ އަންގާރަ ދުވަހު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲއާ ބައްދަލުކުރައްވާ ނަޞޭހަތްތެރި ވެޑައިގެންފައިވާކަމަށެވެ.މިގޮތުން މިހާރު އެމަނިކްފާނު އިސްކޮށް ހުންނަވައި ކުރައްވަމުންގެންދަވާ އިހްތިޖާޖަކީ ދީނީގޮތުން އެކަންކަން ކުރުމަށް އެއްވެސް ހުއްޖަތެއް އޮތްކަމެއް ނޫންކަމަށާ، އެކަންކަމުން ދުރުވެ ވަޑައިގެންނެވުމަށް އިލްމުވެރިން އިމްރާނަށް ނަޞޭހަތްތެރިވެ ވަޑައިގަންނަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އިލްމުވެރިންގެ މިނަސޭހަތްތައް އިމްރާން ގަބޫލުފުޅުނުކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ.މީގެއިތުރަށް އަދާލަތު ޕާޓީގެ ރައީސް އިސްވެ ހުންނަވައި މިހާރު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތްތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވަން އުޅުނު އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއްވެސްވަނީ ކުރިއަށް ގެންދެވޭގޮތް ނުވެގެން ހުއްޓާލާފައިކަމަށް މަޝްވަރާ މަޖިލީހުގެ މެމްބަރަކު ވިދާޅުވިއެވެ.