ކުޅިވަރު

ފުވައްމުލަކު ކްރިކެޓް ޓީމު ބަލިކޮށް ރާއްޖޭގެ ސީނިއާ ކްރިކެޓް ޓީމު ކާމިޔާބު ހޯދާފި.


ރާއްޖޭގެ ސީނިއާ ކްރިކެޓް ކުޅުންތެރިން ފުވައްމުލަކުގައި އެކުވެރިކަމުގެ ކްރިކެޓް މެޗްތަކެއް ފުވައްމުލަކު ކްރިކެޓް ދަނޑުގައި ކުޅެމުން އެބަދެއެވެ.

އެގޮތުން ރާއްޖޭގެ ސީނިޔާ ކްރިކެޓް ޓީމް ފުވައްމުލަކުގާ ހޭދަ ކުރާ ދުވަސްތަކުގައި ދެ މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު މެންދުރު ފަހު ކުޅުނު މެޗްގައި ވާދަ ކޮއްފާވަނީ ފުވައްމުލަކު ޓީމް(އަފުން ޓީމް) އާއި ރާއްޖޭގެ ސީނިޔާ ކްރިކެޓް ޓީމްގެ ކުޅުން ތެރިންގެ ޓީމެކެވެ. މި މެޗް ރާއްޖޭގެ ސީނިއާ ކްރިކެޓް ޓީމުން ކާމިޔާބުކޮށްފައިވަނީ އަފުން ޓީމް ވާދަކޮށް 95 ލަނޑުގެ ތަފާތަކުންނެވެ.

މެޗްގައި ފުވައްމުލަކު ޓީމް(އަފުން ޓީމް) ދިނީ ރާއްޖޭގެ ސީނިއާ ކްރިކެޓް ޓީމަށް ކުޅެން ދޭށެވެ. ރާއްޖޭގެ ސީނިއާ ކްރިކެޓް ޓީމުން ވަނީ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 215 ލަނޑު ހަދާފައެވެ. ޖަވާބުގައި ނިއު ސްޓަރ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 121 ލަނޑު ވަނީ ހަދާފައެވެ. ދަތުރުގެ ފަހު މެޗް ބޭއްވުމަށް ހަމަޖެހިފާވަނީ މާދަމާ 13 އެޕްރީލް ހެދުނުގެ ވަގުތެއްގައެވެ. ދެ ޓީމުން ވެސް 5 ކުޅުންތެރިން ވަނީ ނުބާވެފައެވެ.

ރާއްޖޭގެ ސީނިޔާ ކްރިކެޓް ޓީމްގެ މެނޭޖާރ އަލީ މުހައްމަދު މަނިކް (އަލިބެ) ޕީއެސްއެމް އަށް މައުލޫމާތު ދެމުން ބުނެފާވަނީ މި ދަތުރުގެ މާގަނޑު މަގްސަދަކީ ފުވައްމުލަކުގެ ކްރިކެޓް ދިރުވާ އާލާކޮށް ކުރީގައި ކްރިކެޓް ކުޅުނު ކުޅުންތެރިންގެ ތަޖުރިބާ ފުވައްމުލަކުގައި ކްރިކެޓް ކުޅެމުންދާ ކުދިންނަށް ދައްކާލުމަށް ކަމަށެވެ. މީގެ އިތުރުން ފުވައްމުލަކުގައި އޮންނަ ފަދަ ބޮޑު ދަނޑެއް އޮއްތަނެއްގައި ކްރިކެޓް ކުޅުމުގެ ވަސީލަށް ފުރިހަމަ ކުރުމަށް ވަރަށް ދުރާލާ ވިސްނާގެން ކުރަމުން އަންނަ ކަންކަން އެބަ ހުރިކަމަށް އަލިބެ ބުންޔެވެ.

ރާއްޖޭގެ ސީނިޔާ ކްރިކެޓް ޓީމްގެ ކުޅުން ތެރިން ފުވައްމުލަކަށް އައިސްފާ ވަނީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުގައި ފުވައްމުލަކަށް އާ ޓީމަކީ ރާއްޖޭގެ ކްރިކެޓް ކުޅެމުން އަންނަ އެންމެ ސީނިޔާ ޓީމެެވެ. އެގޮތުން ރާއްޖޭގެ އެންމެ އުސްލެވެލްގައި ކުޅެފާވާ ހުރިހާ މެންބަރުން ހިމެނޭ ކަމަށް އަލިބެ ވަނީ މައުލޫމާތު ދީފައެވެ.

ކްރިކެޓްގެ ރޮގުން ފުވައްމުލަކަކީ ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިފާވާ ރަށެކެވެ. އެގޮތުން 19 އަހަރުން ދަށުގެ ޤައުމީ ކްރިކެޓް ޓީމުގައި ފުވައްމުލަކުގެ 4 ކުޅުންތެރިން ހިމެނެއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުން ތެރިޔަކަށް ހޮވިފާވަނީ ފުވައްމުލަކު ކްރިކެޓް ޓީމުގެ އައިޝަތް އައިމާއެވެ.