ޚަބަރު

ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލެވޭނީ ކޮންއިރަކުންބާ؟


ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިވަނީ ވަކިވަކި އަތޮޅުތަކެެއްގެ މައްޗަށް ހިމެނޭ ކުދިކުދި ރަށްތަކެއްގައިކަމަށް ވިޔަސް ދިވެހިންނަކީ އަބަދުވެސް އެރަށް އަނެއްރަށަށް ބަރޯސާވެފައި އޮންނަ ޤައުމެކެވެ. އެއްރަށުގެ މީހުން އެކިބޭނުންތަކުގައި އަނެއްރަށަށް ދަތުރުކުރުމަކީ ޒަމާނުއްސުރެ ކޮންމެ ދުވަހަކު ދިވެހިން ކޮށް އުޅޭ ކަމެކެވެ.

ޒަމާނަށް އައި ބަދަލާއި ތަރައްޤީއާއެކުވެސް ދިވެހިންގެ ޒަމާންވީ މި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއްނާދެއެވެ. މިއަދު ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރާއި، ޤައުމުގެ ތަރައްޤީ ކުރިއަރަމުންދާ ހަލުވިމިނާ އެއްބަރަށް ރާއްޖޭގެ އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަރުގެ ނިޒާމު ކުރިއަރައި ހަލުވިވެގެން ނުދިއުމެވެ. "ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމް" ނުވަތަ ޢާއްމު ދަތުރުފަތުރުގެ ނިޒާމެއް އަމުދުން ނުވެސް ނެތޭ ދެންނެވިދާނެއެވެ.

ރާއްޖެއަށް އެކަށީގެންވާ ރަނގަޅު ނިޒާމަކުން އަތޮޅުތަކއި ރަށްތައް ގުޅުވާލުމަކީ މިއަދު ވަަރަށް މުހިންމުކަމެކެވެ. ރާއްޖޭގެ ކޮންމެ ޖަޒީރާ ރަށެއްގައި މަތީފަންތީގެ ސިއްޙީ ޚިދުމަތް ލިބޭނެ ހޮސްޕިޓަލްތަކާއި، ބޭންކާއި، ތަޢުލީމީ މުއައްސަސާތަކާއި އެނޫންވެސް މަރުކަޒުތައް ޤާއިމުކޮށްގެން ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ ކުރެވޭނެ ކަމެއްނޫނެވެ. ދައުލަތުގެ ކެރިފޯރުންތެރިކަން ކިތައްމެ ބޮޑުވެގެންދިޔަޔަސް އެކަންކުރެވޭނެ ގޮތެއް ނޯންނާނެއެވެ.

ސަބަބަކީ ރާއްޖޭގެ ވަކިވަކި ރަށްރަށުގެ އާބާދީ މަދުކަމާއި، ޚިދުމަތްދިނުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުން ދެކޮޅު ނުޖެހުމެވެ. އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތަކަށް ބޭރުގެ ސްޕެޝަލިސްޓު ޑޮކްޓަރުން ގެނައުމަށް ކުރާ މަސައްކަތުގައި ދިމާވާ ދަތިތައް މިކަމުގެ ހެއްކަކަށް ފުދޭނެއެވެ. އާބާދީ މަދު ސަރަޙައްދެއްގައި ހުންނަ ސިއްޙީޚިދުމަތްދޭ ތަންތަނަށް ޑޮކްޓަރުން ނުލިބެނީ އެމީހުން ޕްރޮފެޝަނަލްކޮށް ކުރާ މަސައްކަތުގައި ފަރުވާދޭން ޖެހޭނެ މީހުންގެ ޢަދަދުވުމުން އޭގެ ނޭދެވޭ އަސަރު އެމީހުންގެ މަސައްކަތާއި ތަޖުރިބާއަށް ކުރާނެތީއެވެ.

ސްކޫލްތަކާއި އެނޫންވެސް ބައެއް ޚިދުމަތް ފުޅާދާއިރާއެއްގައި އަތޮޅުތަކުގެ ރަށްރަށުގައި ޤާއިމުކުރުމުގައި ދިމާވަނީ މިމައްސަލައެވެ. ތަންކޮޅެއް ކުރީގައި ސަރުކާރުން ގެންގުޅުއްވި "އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ" ސިޔާސަތާއި ބިންބޮޑެތި ސަރަޙައްދުތަކަށް ކުދި ރަށްރަށުގެ މީހުން ބަދަލުކުރުމަށް ސަރުކާރުން ބާރުއެޅުއްވުމުގެ ސަބަބަކީވެސް މިއެވެ.

އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީހަތަކީ ރާއްޖޭގެ ކުދިރަށްރަށުން މީހުން ހުސްކޮށް ދެތިންހަތަރު ސަރަޙައްދުގައި ސިޓީހަދަން އުޅެގެން އަދި އެކަން ނުވާނެކަމެވެ. މިރާއްޖޭގެ ޖަޒީރާވަންތަކަން ގެއްލުވާލުމަކީ އެދެވޭގޮތުގައި ޤައުމަށް ކުރިއެރުމާއި ތަރައްޤީ ލިބޭނެ މަގެއް ނޫންކަމަށް މިއަދުގެ ސަރުކާރުންވެސް ވިދާޅުވެއެވެ. ދިމާވެފައިވާ މައްސަލައަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ޒަމާނީ ފުރިހަމަ ދަތުރުފަރުގެ ނިޒާމަކުން މުޅިރާއްޖެ ގުޅާލުމެވެ.

ރާއްޖޭގެ ދަތުރު ފަތުރުގެ ނިޒާމަށް ބަލާލާއިރު ކުރިއަށްވުރެ ބޮޑަށް މިނިޒާމުވެސް ތަރައްޤީވެފައިވާކަން ޤަބޫލުކުރަންޖެހެއެވެ. ދިވެހިން ރިޔަލު ދޯނިން ފެށި ދަތުރު މިއަދު އޮތީ ވައިގެ މަގުން ކުރާ ދަތުރަކަށް ބަދަލުވެފައެވެ.

އެހެންނަމަވެސް ރާއްޖޭގައި ޢާއްމު ދަތުރުފަރުގެ ޒަމާނީ ނިޒާމެއް ޤާއިމުކޮށް މިހާރު އޮތްނިޒާމް މިއަށްވުރެ ބޮޑަށް ހަރުދަނާކުރަން ޖެހެއެވެ. ބޮޑެތި ޚަރަދުތަކެއްކޮށްގެން އެތައް ސަތޭކަ ބަނދަރެއް ހަދައި ވައިގެބަނދަރުތައް އިތުރުވިޔަކަށް މައްސަލަ ޙައްލެއްނުވެއެވެ. ބޭނުންވަނީ އެއްތަނުން އަނެއްތަނަށް ފަސޭހައިން އަވަހަށް ދަތުރުކޮށްލެވޭނެ ޔަޤީން ނިޒާމެކެވެ.

މިހާރުވެސް ރާއްޖޭގައި ޑޮމެސްޓިކް 7 އެއަރޕޯޓެއްގެ ޚިދުމަތްލިބެއެވެ. ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓާއެކު އިންޓަރނޭޝަނަލް 3 އެއަރޕޯޓް އެބައޮތެވެ. މިހާރުވެސް ގާތްގަނޑަކަށް 5 ރަށެއްގައި އެއަރޕޯޓް ހަދަން ނިންމާފައިވެއެވެ. އަދި ބައެއްތަންތަނުގައި އެކަމުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

އެހެންނަމަވެސް ދަތުރުފަތުރުގެ ނިޒާމަށް މާބޮޑު ހަރުދަނާ ބަދަލެއް ނާދެއެވެ. މާލެއިން ފުރައިގެން ނުވަތަ އެހެން އަތޮޅަކުން ފުރައިގެންނަމަވެސް އިތުރު އެއާރޕޯޓަށް ގޮސް ރަށައް ދާންޖެހެނީ ކޮންމެވެސް ގޮތަކުން އުޅަނދެއް ހޯދައި އަނެއްކާވެސް ޖީބުން ބޮޑު ހޭދައެއް ކޮށްގެނެވެ. ނުވަތަ އެތައް ގަޑިއިރެއް ވަންދެން އަތޮޅު ފެރީއަށް މަޑުކުރަންޖެހެއެވެ.

މަތިން ދަތުރުކުރުމުގެ އަގުތަކަށް ބަލާލާއިރު މާލެއެއިން އުތުރަށް ދަތުރުކުރުމަށް ކޮޅަކަށް 1000 އާއި 1200 ޚަރަދުވެއެވެ. އަދި މެދު ރާއްޖެތެރެއަށް ދަތުރުކުރުމަށް 400 އާއި 600 ދެމެދަށް ޚަރަދުކުރަންޖެހެއެވެ. އަދި މާލެއިން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިޔުމަށް ގާތްގަނޑަކަށް 1300 ރުފިޔާ ކޮޅަކަށް ޚަރަދުކުރަންޖެހެއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ޤައުމުތަކުގައި ވަކި ނިޒާމެއްގެ ދަށުން ޔަޤީންކަމާއެކު އެކިފަންތީގެ ޢާއްމު ދަތުރުފަތުރުގެ ޚިދުމަތް ދެމުންދާތާ އެތައް އަހަރެއްވެއްޖެއެވެ. އަޅުގަނޑުމެންގެ ބައެއް ޚިދުމަތްތައް އެޤައުމުތަކާ އެއްހަމަޔަކަށް ދިޔައިރު، އެންމެ މުހިންމު އެއްޚިދުމަތް މިއޮތީ ފިނިހަކަ ދުވެލީގައޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.