ވިޔަފާރި

މިހާތަނަށް ދައުލަތަށް 6.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް


މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 6.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ޖެނުއަރީ މަހުން ފެށިގެން އޭޕްރިލްމަހުގެ އެގާރަވަނަ ދުވަހާއި ހަމައަށް ދައުލަތުން ކޮށްފައިވާ ޙަރަދުތަކާއި ލިބުނު އާމްދަނީގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ. މި ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބިފައިވާ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އެގޮތުން ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީ، އާއްމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީންނެވެ.

އޭޕްރީލްމަހުގެ އެގާރަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް 6.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އޭގެތެރެއިން 4.9 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.37 ބިލިއަން ރުފިޔާ ވަނީ ލިބިފައިއެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 908.6 މިލިއަން ރުފިޔާވަނީ ލިބިފައެވެ. ޖީއެސްޓީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 203 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 254 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ދައުލަތުންވަނީ، 5.7 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އިދާރީ ޚަރަދުތަކަށާއި، ސަބްސިޑީ އަދި ހިންގުމުގެ ޚަރަދަށް ވަނީ ބޮޑު ހޭދައެއްކޮށްފައެވެ. އަދި މީގެއިތުރުން ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށްވެސް މި މުއްދަތުގައި ސަރުކާރުން ވަނީ ބޮޑު ހޭދައެއްކޮށްފައެވެ. އެގޮތުން ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް 598.8 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.

ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރު މުއައްޒަފުންގެ މުސާރައާއި ޕެންޝަންއަށެވެ. އެގޮތުން ސަރުކާރު މުއައްޒަފުންގެ މުސާރައާއި ޕެންޝަނަށް 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ މަސައްކަތަކާއި އޮފީސްތައް ހިންގުމަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މި މުއްދަތުގައި ދައުލަތުން ކޮށްފައިވާ ޙަރަދު ލިބުނު އާމްދަނީއަށްވުރެ ދަށްވުމުން 924 މިލިއަން ރުފިޔާ ވަނީ އަރަނި ވެފައެވެ.