ޚަބަރު

މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ބޯކޮށްވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 13:30 އިން ހަވީރު 18:30 އަށެވެ. އެ އިދާރާއިން ވިދާޅުވީ ދެކުނާއި މެދުތެރޭގެ އެކިހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިންވަނީ ވިދާޅުވެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

ނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ކުރިއަށްއޮތް 24 ގަޑިއިރު ބޯކޮށް ވާރޭވެހުމާއެކު ބައެއް ސަރަޙައްދު ތަކަށް ބާރަށް ގުގުރާނެ ކަމަށް ލަފާކުރޭތީވެ އެކަމަށް ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.