މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއަށް އެކި ފަރާތްތަކުން ލިބެންޖެހޭ 14.3 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ތޮއްޔިބު ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 14.3 މިލިއަން ޑޮލަރު ނުވަތަ 220 މިލިއަން ރުފިޔާއަކީ ތިން ފަރާތަކުން ލިބެންޖެހޭ ފައިސާކަމަށެވެ. ނަމަވެސް އެފަރާތްތަކުގެ މަޢުލޫމާތެއް ޠައްޔިބު ހާމައެއް ނުކުރައްވައެވެ.
ޠައްޔިބު ވިދާޅުވީ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު އޮތީ ކޯޓު މަރުހަލާގައި ކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަކަށް އެފައިސާ ލިބުން ކަމަށެވެ.
އެމްއެމްޕީއާރުސީއަށް ގިނަ އަދަދެއްގެ ފައިސާ ލިބެންޖެހޭއިރު، ސަރުކާރު ހަވާލުވިއިރު އެމްއެމްޕީއާރުސީންވެސް ގިނަ އަދަދެއްގެ ފައިސާ އެކި އެކި ފަރާތްތަކަށް ދައްކަންޖެހިފައި އޮތްކަމަށް ޠައްޔިބު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް އެކި ފަރާތްތަކަށް މިހާތަނަށް ފަސް މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ޠައްޔިބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގައި އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް އެސް.އޯ.އެފް ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެ ފައިސާ 155 ފަރާތެއްގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް ފެބްރުއަރީމަހު އޭސީސީން ނެރުނު ރިޕޯޓެއްގައިވެއެވެ.