ވިޔަފާރި

މިދިޔަ އަހަރު އެންމެބޮޑު އާމްދަނީއެއް އެސްޓީއޯ އަށާއި އެމްއޭސީއެލްއަށް


ސަރުކާރު ހިއްސާވާ ކުންފުނިތަކުގެތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށާއި، އެމްއޭސީއެލްއަށް ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯރޕަރަޓައިޒޭޝަން ބޯޑުން ހާމަކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން އާއްމުކޮށްފައިވާ ހުސްވި އަހަރުގެ ފަހު ކުއާރޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއަރޓަރގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2017ވަނަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު 541 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެސްޓީއޯއަށްފަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް،އެމް.އޭ.ސީ.އެލްއަށެވެ. އެމްއޭސީއެލްއަށް ހުސްވި އަހަރުގެ ފަހު ކުއަރޓަރގައި 1.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެމް.އޭ.ސީ.އެލްއަށް ލިބިފައިވާ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ތެޔޮ ވިއްކައިގެން ލިބުނު ފައިސާއެވެ.

ބީއެމްއެލް، ދިރާގު، އައިލެންޑް އޭވިއޭޝަން، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެމްޓީސީސީ އަދި ފެނަކަ ހިމެނެނީ 200 މިލިއަން ރުފިޔާއަށް ވުރެއް މަތިން އާމްދަނީ ލިބުނު ކުންފުނިތަކުގެ ތެރޭގައެވެ.
ހުސްވި އަހަރުގެ ފަހު ކުއަރޓަރގައި ބީއެމްއެލް އަދި އެމްޓީސީސީއަށް ލިބުނު އާމްދަނީ 2017ވަނަ އަހަރުގެ ފަހު ކުއަރޓަރާއި އަޅާ ބަލާއިރު ވަނީ ދަށަށްގޮސްފައެވެ.

އެގޮތުން އެމްޓީސީސީއަށް ލިބުނު އާމްދަނީ ވަނީ %5 ދަށަށް ގޮސްފައެވެ. އެ ކުއަރޓަރގައި ލިބުނު އާމްދަނީ ދަށަށް ގޮސްފައިވަނީ އެމްޓީސީސީގެ ކޮންޓްރެކްޓިންގ އެންޑް ޓްރާންސްޕޯޓް ޑިޕާޓްމަންޓަށް ލިބުނު ފައިދާ ދަށްވުމާއި ގުޅިގެން ކަމަށް ޕްރައިވެޓައިޒޭޝަންގެ ރިޕޯޓްގައިވެއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ނިސްބަތުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވެމްކޯއެވެ. އެގޮތުން ހުސްވި އަހަރުގެ ފަހު ކުއަރޓަރގައި ވެމްކޯއަށް ލިބުނު އާމްދަނީ ވަނީ %44 އިތުރުވެފައެވެ.
ވެމްކޯއަށްފަހު އާމްދަނީ ދެން އެންމެ ބޮޑަށް އިތުރުވެފައިވަނީ އެމް.ޑަބް.ލިއު.އެސް.ސީއަށެވެ. 2017ވަނަ އަހަރުގެ ފަހު ކުއަރޓަރާއި އަޅާ ބަލާއިރު، ހުސްވި އަހަރުގެ ފަހު ކުއާޓަރުގައި އެމްޑަބްލިއުއެސްސީއަށް ލިބުނު އާމްދަނީ ވަނީ %43.6 އިތުރުވެފައެވެ.

ލިބުނު އާމްދަނީ ދަށްވެފައިވާ ކުންފުނިތަކުގެ ތެރޭގައި، ކައްދޫ އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް، އެމް.އައި.ޓީ.ޑީ.ސީ، އެމް.އެމް.ޕީ.އާރު.ސީ އަދި ސްޕޯޓްސް ކޯރޕަރޭޝަން ހިމެނެއެވެ.