ކުޅިވަރު

12 އަހަރުން ހަވަނަ މެޗު ހުޅުދޫ ސްކޫލް ކާމިޔާބުކޮށް، ސެމީ ފައިނަލުން ޖާގަހޯދައިފި


މަމެން އައްޑޫ އިންޓަރ ސްކޫލު ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގައި މިއަދު ކުޅުނު މެޗް ހުޅުދޫ ސްކޫލް ކާމިޔާބުކޮށްފިއެވެ. މިމެޗް ހުޅުދޫ ސްކޫލު ކާމިޔާބުކޮށްފައިވަނީ މަރަދޫ ސްކޫލް އާއި ބައްދަލުކޮށް 5 ލަނޑު 1 ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ 10ވަނަ މިނެޓުގައި ހުޅުދޫ ސްކޫލުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަލީ ޔަޒާން މުހައްމަދް ނާސިރެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެވަނަ އަދި ތިންވަނަ ލަނޑު ކާމިޔާބުކުރީ ހުޅުދޫ ސްކޫލުގެ މާއިޒް މުޖްތަބާއެވެ. އަދި ހަތަރުވަނަ ލަނޑުވެސް ކާމިޔާބްކޮށްފައިވަނީ ހިތަދޫ ސްކޫލުގެ، އައިކް އަހްމަދް ޝަމްވީލެވެ. ފުރަތަމަ ހާފްގައި މަރަދޫ ސްކޫލުން އެއްވެސް ލަނޑެއް ކާމިޔާބެއް ނުކުރެއެވެ.

މެޗުގެ ދެވަނަ ހާފްގެ 28މިނެޓުގައި މަރަދޫ ސްކޫލުގެ ފުރަތަމަ ލަނޑު ކާމިޔާބްކޮށްފައިވަނީ މުހައްމަދު ހައްޔެވެ. ނަމަވެސް މަރަދޫ ސްކޫލްއިން ފުރަތަމަ ލަނޑު ޖެހިތާ 21މިނެޓު ފަހުން ހުޅުދޫ ސްކޫލުގެ މާއިޒް މުޖްތަބާ ވަނީ ލަނޑެއް ޖަހާ ހުޅުދޫ ސްކޫލްގެ ފަސްވަނަ ލަނޑު ކާމިޔާބްކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން މަރަދޫ ސްކޫލްގެ ކޯޗް މުހައްމަދް ޖިނާހް ބުނީ މިވަގުތު އިސްކަމެއްދެނީ ސެމީ ފައިނަލުން ޖާގަ ހޯދުމަށްކަމަށާއި، ފައިނަލަށް ދަތުރުކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.

"މިވަގުތު ސެމީ ފައިނަލަށް އިސްކަން ދެނީ. އެ މުބާރާތްތަކުން މޮޅުވެގެން އިރާދަކުރެއްވިއްޔާ ފައިނަލަށް ދާން މަސައްކަތް ކުރާނަން. މެޗް ދިޔަގޮތާމެދު ވަރަށް ހިތްހަމަޖެހޭ" މަރަދޫ ސްކޫލްގެ ކޯޗް މުހައްމަދް ޖިނާހް ބުންޏެއެވެ.

އަދި ހުޅުދޫ ސްކޫލްގެ ކޯޗް މުހައްމަދް ޝާހިދް ބުނީ ހުޅުދޫ ސްކޫލްވަނީ ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދާ، ސެމީ ފައިނަލް ކަށަވަރުކޮށްފަކަމަށާއި، ދެން ކުރިއަށް އޮތް މެޗްތައްވެސް ކާމިޔާބްކުރާނަނެ ކަމަށެވެ.

"ވަރަށް ފުރިހަމަކޮށް ޓީމް ކުޅުނު. އަދި ހާއްސަކޮށް ޓީމްގެ ހުރިހާ ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސްދެން. އަންގާރަ ދުވަހުއޮތް މެޗަށް އަޅުގަނޑުމެން ދެން ތައްޔާރުވާނީ ފޭދޫ އާއި އެއްކޮށް ކުޅެން. އަޅުގަނޑުމެންއޮތީ ގްރޫޕް ސްޓޭޖުން އެއްވަނަ ހޯދާ ސެމީ ފައިނަލް ކަށަވަރުކޮށްފަ. ދެން ކުރިއަށް އޮތް މެޗްވެސް އަޅުގަނޑުމެން ކާމިޔާބްކުރާނަން" ހުޅުދޫ ސްކޫލްގެ ކޯޗް މުހައްމަދް ޝާހިދް ބުންޏެވެ.