ޚަބަރު

16 އަހަރުންދަށުގެ އުމުރުފުރާއިން ފައިނަލުން ޖާގަ ހޯދި ޝަރައްފުއްދީން ބޮޑު ތަފާތަކުން ބަލިވެއްޖެ


މަމެން އައްޑޫ އިންޓަރ ސްކޫލް 16 އަހަރުންދަށުގެ ފައިނަލުން ޖާގަ ހޯދި ޝަރައްފުއްދީން ސްކޫލް އިރުޝާދިއްޔާ ސްކޫލާއި ވާދަކޮށް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ. މިމެޗް އިރުޝާދިއްޔާ ސްކޫލުން ކާމިޔާބުކޮށްފައިވަނީ 7 ލަނޑު 0 ލަނޑުންނެވެ. 5 ޓީމް ހިމެނޭ މި ގުރޫޕްގައި ޝަރަފުއްދީން މިހާރު 4 މެޗް ކުޅެފައުވާއިރު އެޓީމްއަށްވަނީ 9 ޕޮއިންޓް ލިބިފައެވެ. ޝަރަފުއްދީން ސްކޫލްއަށް ވުރެއް އެއް މެޗް މަދުން ކުޅެފައިވާ އިރުޝާދިއްޔާ ސްކޫލްއަށް 7 ޕޮއިންޓް ލިބިފައިވާއިރު ސ.އަތޮޅު މަރަދުސާއަށް 6 ޕޮއިންޓް ލިބިފައިވެއެވެ. ފައިނަލްގެ 2ވަނަ ޖާގަ ޔަގީންވަނީ މިއަންނަ ބުރާސްފަތި ދުވަހު ސ.އަތޮޅު މަދަރުސާ އާއި އިރުޝާދިއްޔާ ސްކޫލް ވާދަކުރާ މެޗުންނެވެ. މިމެޗުން ކޮންމެ ޓީމްއެއް މޮޅުވިކަމަށް ވީނަމަވެސް އެޓީމްއަކަށް ފައިނަލްގެ ޖާގައެއް ޔަގީންވާނެއެވެ.

ޝަރައްފުއްދީން ސްކޫލް އިރުޝާދިއްޔާ ސްކޫލް ވާދަކުރި މެޗްގެ ފުރަތަމަ ލަނޑު ޖަހާ ހޯދީ އިރުޝާދިއްޔާ ސްކޫލްއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ހަސަން ހައިޒަމް ޝަރީފްއެވެ. އަދި އިރުޝާދިއްޔާ ސްކޫލުގެ މުހައްމަދު މަމްލޫކް ހެޓްރިކް ހެދިއިރު މެޗް ގެ ދެވަނަ ހާފުގައި އެ ޓީމްގެ މުހައްމަދު ތަމާމް ޝާހިދު އަދި ޒައިދާން މުހައްމަދު ވަނީ ދެ ލަނޑުން ޖަހާފައެވެ. މީގެ އިތުރުން މެޗްގެ 70 ވަނަ މިނެޓްގައި އިރުޝާދިއްޔާ ސްކޫލްގެ އިސްމާއިލް ސިއަން ވަނީ މެޗްގެ ހަތްވަނަ ލަނޑު ޖަހާފައެވެ. ޝަރަފުއްދީން ސްކޫލަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމުންވެސް ވަނީ ފަރަޤު ކުޑަކުރަން މަސައްކަތްކޮށްފައިއެވެ.

މެޗް އަށް ފަހު ވާހަކަ ދައްކަމުން ޝަރަފުއްދީން ސްކޫލުގެ ކޯޗް އަހްމަދު ހަބީބް ބުނީ މެޗުން ބަލިވީ ޓީމްގެ ފުރަތަމަ 11ގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ސަބަބުންކަމަށެވެ. މިމެޗްއިން ބަލިވި ކަމަށް ވީނަމަވެސް ފައިނަލް މެޗްއަށް މިމެޗްގެ އެއްވެސް އަސަރެއް ނުކުރާނެކަމަށްވެސް ޝަރަފުއްދީން ސްކޫލުގެ ކޯޗް އަހުމަދު ހަބީބް ބުނިއެވެ.

މެޗާއި ގުޅޭގޮތުން އިރުޝާދިއްޔާ ސްކޫލުގެ ކޯޗް އަހުމަދު ނާދިރު ބުނީ މެޗްއިން މޮޅުވުމުން ފައިނަލްއަށް ދިއުމުގެ އުއްމީދު ވަރަށް ބޮޑަށް އާވެއްޖެކަމަށާއި ނަމަވެސް އަންނަ ބުރާސްފަތި ދުވަހު ކުޅޭ މެޗްއިން މޮޅުވެގެން ފައިނަލްއަށް ދެވެން އޮތުމުން، މިހާރު ހުރިހާ ފޯކަސްއެއްވެސް ހުރީ އެމެޗްއަށްކަމަށް އިރުޝާދިއްޔާ ސްކޫލުގެ ކޯޗް އަހުމަދު ނާދިރު ބުނިއެވެ.