ތަރައްްޤީ

ޢިއާދަކުރަނިވި ހަކަތައަށް ބަރޯސާވުމަށް ކުރާ މަސައްކަތް


ރާއްޖެއިން ލިބެންހުރި ގުދުރަތީ ވަސީލަތްތަކާއެކު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޢާދަ ކުރަނިވި ހަކަތައިގެ ބޮޑެތި މަޝްރޫޢުތަކެއް ފަށައި އެޚިދުމަތް މިހާރު ބައެއް ރަށްރަށް ދަނީ ލިބެމުންނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ދުވާލުގެ ވަގުތުތަކުގައި ބޭނުންކުރާ ހަކަތައިގެ އެންމެ މަތީ މިންވަރުގެ %30 ހަކަތައަކީ ޢިއާދަކުރަނިވި ހަކަތައަށް ހެދުމަށް 2014 ވަނަ އަހަރު ސަރުކާރުންވަނީ މަޝްރޫޢެއް ފަށާފައެވެ. އެހެންނަމަވެސް ސަރުކާރުގެ މިހާރުގެ އަމާޒަކީ އެރަށެއްގައި އުފެދޭ ޢިއާދަކުރެނަވި ހަކަތައިގެ އެންމެ މަތީ ޢަދަދަކަށް އެރަަށެއްގައި ބޭނުންކުރުމެވެ.

ހަކަތަ އުފެއްދުމަށް ތެޔޮ އެންދުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާއި، ތެލަށް ކުރަންޖެހިފައިވާ ހޭދަކުޑަކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރުގެ %10 ޚަރަދު ކުރަނީ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ތެޔޮ އެތެރެ ކުރުމަށެވެ. ތެލަށްކުރާ ހޭދަ ކުޑަކުޑަކުރެވިއްޖެނަމަ އެކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރާނެއެވެ.

މި މަޤުޞަދު ޙާޞިލްކުރުމަށްޓަކައި ވޭތުވެދިޔަ ހަތަރުވަރަށް އަހަރުދުވަހުގެ ތެރޭހައި ސަރުކާރުންވަނީ އިޢާދަ ކުރަނިވި ހަކަތަ އުފެއްދުމަށް 139 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމޭއިރު މި ޢަދަދު 200 މިލިޔަނަށް އަރާނެކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އިޢާދަކުރަނިވި ހަކަތައިގެ އެންމެ 2 މެގަވޮޓުން މިހާރު މިޢަދަދު 11 މެގަވޮޓަށް ވަނީ އިތުރުވެފައެވެ.

މިހާރުވެސް އަވިން ހަކަތަ އުފައްދައިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހއ.ގެ 10 ރަށެއްގެ އިތުރުން އިތުރު ހަތަރު ރަށެއްގައި އެހަކަތަ ބޭނުންކުރަމުންދެއެވެ. ހދ.ގެ 13 ރަށެއްގައި ސޯލަރސިސްޓަމްތައް ހަރުކުރުމަށް ހަމަޖެހިފައިވާއިރު ށ.އަތޮޅާއި ނ.އަތޮޅުގައި ސޯލަރ ސިސްޓަމްތައް ހަރުކޮށް ކަރަންޓު އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މި މަސައްކަތުގެ %80 ނިމިފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން 11 އަތޮޅުގެ ރަށްތަކުގައި ސޯލަރ ޕެނަލް ހަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ނިމިފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ރ،ބ،ޅ،ކ،އއ،އދ،ވ،މ،ފ،ދ މި ރަށްތަކެވެ.

"ސްކޭލިން އަޕް އޮފް ރިނިވަބަލް އެނާޖީ" ޕްރޮގްރާމް (އެސްރެޕް)ގެ ދަށުން ދެބަޔަކަށް ބަހާލައިގެން 40 މެގަވޮޓްގެ ސޯލާ ޕެނެލް ހަރުކޮށް ޚިދުމަތް ދޭން ފަށަން ވަނީ ނިންމާފައެވެ. މިއީ މިގޮތަށް ޢިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓް އުފައްދަން މަސައްކަތްކުރާ އެންމެ ބޮޑު ޕްރޮޖެކްޓެވެ.

އެ ޕްރޮޖެކްޓްގެ ތެރެއިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާ ގުޅިގެން ހިންގާ ޕަބްލިކް ސެކްޓާ އިންވެސްމަންޓްގެ ބައި ކަމަށް ވާ "ޕޮއިސްޑް"އަށް މިހާތަނަށް ޖުމްލަ 105 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އޭގެ ތެރެއިން 55 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި 50 މިލިއަން ޑޮލަރަކީ ލޯނެވެ. "ޕޮއިސްޑް"ގެ ތެރެއިން މިހާތަނަށް 2.31 މެގަވޮޓްގެ "ސޯލާ ޕީވީ" އިންސްޓޯލްކޮށް ނިމިފައިވާއިރު 7.5 މެގަވޮޓްގެ "ސޯލާ ޕީވީ" ހަރުކުރުމުގެ މަސައްކަތް ހަތަރު އަތޮޅެއްގައި ދަނީ ކުރިއަށެވެ.

"އެސްރެޕް"ގެ ދެވަނަ ބަޔަކީ ޕްރައިވެޓް ސެކްޓާ އިންވެސްޓްމަންޓަށް އަމާޒުކޮށް ހިންގާ "އެސްޕަޔާ"އެވެ. ވޯލްޑް ބޭންކާ ގުޅިގެން ހިންގާ އެ ޕްރޮޖެކްޓަށް ހިލޭ އެހީގެ ގޮތުގައި ހަމަޖެހިފައިވާ 11.68 މިލިއަން ޑޮލަރު ބޭނުންކޮށްގެން ޤާއިމުކޮށްފައިވާ ގެރެންޓީ މެކޭނިޒަމްގެ ތެރެއިން 40 މިލިއަން ޑޮލަރުގެ އިތުރު އިންވެސްޓްމަންޓްތައް، އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގެންނަން ވަނީ ނިންމައިފައެވެ. އެއީ އަމިއްލަ ފަރާތްތަކުން ސޯލާ ޕެނެލް ބޭނުންކޮށްގެން ހަކަތަ އުފައްދައިގެން ދައުލަތަށް ވިއްކާ ގޮތަށެވެ. އެގޮތުން "އެސްޕަޔާ"ގެ ދަށުން މަދުވެގެން 20 މެގަވޮޓްގެ "ސޯލާ ޕީވީ" ޖެހުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ. މިއީ މާލެއާ ހުޅުމާލެގެ އިތުރުން އަތޮޅުތަކުގެ ރަށްތައް ހިމަނއިގެންނެވެ.

މިމަޝްރޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2014 ގައި ފަށައިގެން ހުޅުމާލޭގެ1000 ހައުސިން ޔުނިޓުގައި މިހާރު ވެސް ވަނީ 1.5 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށްފައެވެ. މާލެ އަށް ބޭނުންވާ ކަރަންޓް އަވިން އުފެއްދުމުގެ ގޮތުން ސޯލާ ޕެނެލް ޖަހަން ނިންމާފައިވަނީ ސިނަމާލެ ބްރިޖުގެ ލިންކް ރޯޑުގެ އެއް ފަރާތުގައެވެ.

ރާއްޖޭގައި އިރުގެ އަވިން ކަރަންޓް އުފެއްދުމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދާއިރު ވައިން ކަރަންޓު އުފެއްދުމުގެ މަސައްކަތްވެސް ރާއްޖޭގައި ފަށާފައިވެއެވެ. އެހެންނަމަވެސް އެ މަޝްރުއަކީ ކާމިޔާބު މަޝްރޫއަކަށް ވެފައެއް ނެތެވެ. ދެންއޮތީ ކަނޑުގެ އޮއިން ރާއްޖޭގައި ކަރަންޓް އުފެއްދިދާނެބާ ކުރެވޭ ސުވާލެވެ. މިކަމަށްވެސް މަސައްކަތްކުރަން ސަރުކާރުން އޮތީ ތައްޔާރަށެވެ.