ސިޔާސީ

ނަޝީދަށް އަދަބު ލުއިކޮށްދޭތޯ އެދެނީ


ޓެރަރިޒަމްގެ ކުށްސާބިތުވެ 13 އަހަރަށް ޖަލަށްލުމަށް
ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަންކުރަން ކުރާ މަސައްކަތްތައް ނަޝީދުގެ ގާނޫނީ ޓީމުން ކުރަމުންދާކަމަށް އެޓީމުން ބުނެފިއެވެ. މިއަދު
މޫކައި ހޮޓެލްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވަކީލުންގެ ޓީމުގައި
ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވީ އދ ގެ
ޔޫއެޗްޑީއާރްގައި ރާއްޖެ ބައިވެރިވެފައިވުމާއެކު، މި ވޯކިން ގްރޫޕަށް މައްސަލަ ހުށަހެޅުމަށް
މސައްކަތްކުރަމުންދާކަމަށާއި ގާނޫނީ ޓީމާއި އަލަށް ގުޅުނު ބޭރުގެ ގާނޫނީ
ވަކީލުންނަށްވެސް މައްސަލައިގެ ތަފްސީލުތައް މިހާރު ހިއްސާކުރެވިފައިވާކަމަށެވެ.



އަނެއްކޮޅުން މުހައްމަދު ނަޝީދަށް އިއްވާފައިވާ ޖަލު
ހުކުމްގެ އަދަބު ކުޑަކޮށްދެއްވާތޯ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް
އެމްޑީޕީން އިސްނަގައިގެން ގެންދަނީ ޕެޓީޝަނެއްގައި ސޮއިކުރަމުންނެވެ.



ރައީސް ނަޝީދުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި
ބުނެފައިވަނީ ޓެރަރިޒަމްގެ ކުށަކީ މައާފްކޮށްދެވިގެންނުވާނެ ނުވަތަ އަދަބު
ފަސްކޮށްދެވިގެންނުވާނެ ކުށެއްކަމަށް މައާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ
ގާނޫންގައި ކަނޑައަޅާފައި އޮތަސް ޚާއްސަހާލަތެއްގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ
އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށެވެ. އަދި އެމަނިކުފާނު
ދޫކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިދޭން ވީހާ ގިނަބަޔަކު
އެދުމަކީ ނަޝީދު އެދިވަޑައިގަންނަވާކަމެއްކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަމަކީ ރައީސުލްޖުމްހޫރިއްޔާގެ އަރިހު ގާނޫނާއި ޚިލާފް ކަމެއް ކުރެއްވުމަށް ދެންނެވުން ނޫންކަމަށްވެސް ބުނެފައިވެއެވެ.