މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިއެމްޓީސީސީއަށް 45 މިލިއަން ރުފިޔާގެ ގެއްލުމެއް ވެއްޖެއެވެ.
އެމްޓީސީސީން އާއްމުކޮށްފައިވާ މިއަަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީހިސާބުތައް ދައްކާގޮތުން މިމުއްދަތުގެ ތެރޭގައި އެކުންފުނިން ވަނީ، 210 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައެވެ.
ފުރަތަމަ ކުއާޓަރުގައި ވިޔަފާރިކުރުމަށް 214 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ކުންފުނި ހިންގައިގެން ވަނީ 34 މިލިއަން ރުފިޔާގެ ގެއްލުމެއްވެފައެވެ.
އެމްޓީސީސީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ހިސާބުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެކުންފުނީގެ ސީއީއޯ ހަސަން ޝާހް ވިދާޅުވީ، ހުސްވި އަހަރުގެ ފަހުކޮޅުން ފެށިގެން ކުންފުންޏަށް މާލީ ގޮތުން ގިނަ ގެއްލުންތަކާއި ކުރިމަތިވަމުންދާ ދިޔަކަމަށެވެ. މީގެ މައިގަނޑު އެއް ސަބަބެއްކަމަށް ޝާހް ވިދާޅުވީ، އެމްޓީސީސީގެ މަޝްރޫޢުތައް ހުއްޓިފައި ހުރުން ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބަށްފަހު އާ ސަރުކާރު އައުމާއި ހަމައަށް މަޝްރޫއުތައް ހުއްޓިފައި ހުރިކަމަށް ޝާހް ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ފެނިގެން ދިޔައީ އޭގެ ނަތީޖާ ކަމަަށްވެސް ޝާހް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ބައެއް މަޝްރޫއުތައް ފަށާފައިވާ ކަމަށާއި، ކުންފުންޏަށް މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ޝާހް ވިދާޅުވިއެވެ. އެގޮތުން އެމްޓީސީސީގެ މާސްޓަރ ޕްލޭން ބަދަލުކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ އެމްޓީސީސީއަށް މާލީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ވަނީ އެކުންފުނިން ފޯރުކޮށްދޭ އާއްމު ދަތުރުފަތުރުގެ ޙިދުމަތުން ކަމަށެވެ. އެގޮތުން ހުސްވި އަހަރުތެރޭ އެ ދާއިރާއިން އެކަނިވެސް ގާތްގަނޑަކަށް 75 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަން ޝާހް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ގެއްލުންވެފައިވާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުނީގެ ފައިދާ ވަނީ ރެކޯޑު އަދަދަކަށް ދަށަށްގޮސްފައެވެ. އެމްޓީސީސީގެ ސީއީއޯ ޝާހް ތުހުމަތު ކުރައްވާގޮތުގައި މި ފަހަކަށް އައިސް މާލީގޮތުން މިވަރުގެ ގޮންޖެހުމެއް އެމްޓީސީސީއަށް ކުރިމަތިވެފައިމިވަނީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ހިނގި ކޮރަޕްޝަނުގެ އަމަލުތަކެއްގެ ސަބަބުންކަމަށެވެ.