ވިޔަފާރި

ބާޒާރުގައި ކަރާ ތިޔާގިވެ، ކިލޯއެއްގެ އަގު 20 އަށް ދަށްވެެއްޖެ


ރޯދަމަސް ފެށުނުއިރު، ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 40 ރުފިޔާއާއި 35 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.
ނަމަވެސް މިހާރު ކޮންމެ ދުވަހަކުވެސް ތޮއްޑޫއިން މާލެއަށް ގިނަ އަދަދެއްގެ ކަރާ ލިބެމުންދާ ކަމަށް ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

ބާޒާރުގައި ކަރާ ތިޔާގިވެ، މިއަދު ކަރާ ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވަނީ ތިރިވެފައެެވެ. ރޯދަމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކަރާގެ އަގު އެހާ ބޮޑަށް އުފުލިގެން ދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

ބާޒާރުގައި ދެން އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ދިވެހި މިރުހުގެއެވެ. އެގޮތުން ރޯދަމަސް ފެށުނު އިރު ބާޒާރުގައި އެންމެ ނަން ހިނގާލި، ކަނޑޫދޫ މިރުސް މިހާރު ބާޒާރުން ފެންނަނީވެސް ވަނީ މަދުންނެވެ.
މިއަދު ބާޒާރުގައި ހުރީ ރާއްޖޭގެ އެހެން ރަށްރަށުގައި ހައްދާ ދިވެހި މިރުހެވެ. 100 ގުރާމް މިރުސް 35 ރުފިޔާއަށްވެސް މިހާރު ލިބެން އެބަހުއްޓެވެ.

މީގެ އިތުރުން ޔުގަންޑާ މިރުހުގެ އަގުވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން 10 ރުފިޔާއާއި 20 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި 100 ގްރާމް ޔުގަންޑާ މިރުން ބާޒާރުގައި ލިބެން އެބަހުއްޓެވެ.

ލެޓިއުސް ފަތްވެސް ފާހަގަކޮށްލެވެނީ އަގު ދަށަށްގޮސްފައިވާ ބާވަތެއްގެ ގޮތުގައެވެ. ރޯދަމަސް ފެށުނު އިރު 180 ރުފިޔާއަށް ވެސް ލެޓިއުސް ފަތް ކިލޯއެއް ލިބެން ހުއްޓެވެ. އެހެން ނަމަވެސް މިއަދު ބާޒާރުގައި ލެޓިއުސް ފަތް ކިލޯއެއް 60 ރުފިޔާއިން ފެށިގެން ގޮސް 80 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ލިބެން އެބަހުއްޓެވެ.