ދަތުރުވެރިންގެ މާރުކޭޓް ކަހަލަ ތަނަކަށްގޮސް ވޮލެޓް ހާވައިގެން ފައިސާ ދެއްކުމުގެ ބަދަލުގައި އަތުގައި އޮންނަ މޯބައިލް ފޯނުން ފައިސާދެއްކޭ ގޮތްވުމަކީ މާރުކޭޓަށް ބާޒާރުކުރުމަށްދާ ގިނަ މީހުނަށް ލިބިގެންދާނޭ ވަރަށްބޮޑު ފަސޭހައެކެވެ.
ދިރާގުން މިއަދު މިވަނީ ދިރާގް ޕޭގެ ޙިދުމަތް މާލޭ ދަތުރުވެރިންގެ މާރުކޭޓަށް ތަޢާރަފްކޮށްފައެވެ.
ނަގުދު ފައިސާގެ ބަދަލުގައި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭ ދިރާގު ޕޭގެ ޙިދުމަތް މިއަދު ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގެ އިތުރުން، އަމީނީ މަގުގައި ހުންނަ މާރުކޭޓުގެ ގޮޅިއަކަށްވެސް ވަނީ ތައާރަފްކޮށްފައެވެ.
މި ޙިދުމަތް މެދުވެރިކޮށް ފަސޭހަކަމާއި އެކު ފައިސާގެ މުއާމަލާތްތަށް ކުރެވޭނޭ ކަމަށް ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރ، މޯބައިލް މަނީ އެންޑް ޑިޖިޓަލް ކޮމަރސް، މުޙައްމަދު ނަހުޝާން ވިދާޅުވިއެވެ.
" ބޭނުންފުޅުވާ އެއްޗެއް ގަތުމަށްފަހު ކިއު.އާރު ކޯޑު ސްކޭން ކޮށްލައްވާފަ،ޕޭމަންޓް އެގްޒެކިއުޓްކޮށްލީމަ، މަރޗަންޓްގެ ވޮލެޓަށް މިދަނީ، އެހިސާބުން ޕޭމަންޓް އެގްޒެކިއުޓް ވެގެންދާނެ"، ނަހުޝާން ވިދާޅުވިއެވެ.
މާރުކޭޓަށް މި ހިދުމަތް ތައާރަފްކުރުމާއި އެކު ވަނީ ޙާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން މާރުކޭޓު ގޮޅިން ދިރާގު ޕޭ ބޭނުންކޮށްގެން، ސަތޭކަ ފަންސާހަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކަރާ ކިލޯއެއް ލިބޭނެ ކަމަށް ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރ މޯބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާރސް، ހަސަން ޝާރިހް އާދަމް ވިދާޅުވިއެވެ.
" މި ރޯދަމަހު މި ސްޓޯލްއުން އަދި އަމީނީ މަގުގައި އިންނަ ދިރާގު ޕޭ އެކްޓިވޭޓަޑް ސްޓޯލްއުން ތަކެތި ބައްލަވައިގަތުމަށްފަހު، ސަތޭކަ ފަންސާސް ރުފިޔާއާއި ހަމައަށް ލާރި ދެއްކުމުން، ކަރާ ކިލޯއެއް މުޅިން ހިލޭ ލިބޭނެ"، ޝާރިހް ވިދާޅުވިއެވެ.
މި އެޕްލިކޭޝަން އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން މިހާރު ޑައުންލޯޑު ކުރެވޭނެއެވެ.
ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ ނުގެންގުޅެ ސްމާޓްފޯން މެދުވެރިކޮށް ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ.
ދިރާގުޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގުޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫ.އެސް.އެސް.ޑީ މެނޫ ބޭނުންކޮށްގެން އުނދަގުލަކާނުލައި ރަޖިސްޓްރީކޮށްލެވޭ ހިދުމަތެކެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެއެވެ. އަދި ދިރާގުގެ ވެބްސައިޓުންވެސް ވޮލެޓް ރީޗާޖުކުރެވޭނެއެވެ.