ވިޔަފާރި

މޫދަށް އެރުމުގައި ސަމާލުކަންދޭންވީ ކަންތައްތައް ހިމެނޭ ބޯޑުތައް ހުޅުމާލޭގައި ހަރުކޮށްފި


މޫދަށް އެރޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަލާމަތީ އިރުޝާދުތަކާއި، މޫދަށް އެރި އުޅުމުގައި ހެދުން އެޅުމުގައި ގެންގުޅެންވީ މިންގަނޑުތަކުގެ މަޢުލޫމާތު ހިމެނޭ ބޯޑުތަކެއް ހުޅުމާލެ ގޮނޑުދޮށް ސަރަޙައްދުގައި ހަރުކޮށްފިއެވެ.

ހުޅުމާލޭ ގޮނޑުދޮށް ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ސަލާމަތީ މައުލޫމާތު ހިމެނޭ ބޯޑު އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި، މާލެ ސިޓީ މޭޔަރ ސިފާ މުޙައްމަދެވެ.

ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ފަށާފައިވާ މި ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ އިތުރުން ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަށްދާ ހުރިހާ ރަށެއްގައި ސަލާމަތީ މައުލޫމާތު ހިމެނޭ ބޯޑު ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ހުޅުމާލޭ ސުވިމިންގ ޓްރެކް ސަރަޙައްދުގައި ބަހައްޓާފައިވާ ބޯޑުގައި، ހާދިސާއެއް ދިމާވެއްޖެނަމަ ގުޅާނެ ނަމްބަރުތަކާއި، މޫދަށް އެރި އުޅުމުގައި ސަމާލުކަން ދޭން ވީ ކަންތައްތަކުގެ އިތުރުން މޫދަށް އެރި އުޅުމުގައި ހެދުން އަޅަންވީ މިންގަނޑުތައް ހިމެނެއެވެ.

ސަލާމަތީ ބޯޑު އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ މި ބޯޑުތަކާއި އެކު، މޫދަށް އެރި އުޅުމުގައި ދިވާމާ ހިތާމަވެެރި ހާދިސާތައް ވަރަށް ބޮޑަށް މަދުކުރެވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"ހުސްވި އަހަރު މޫދަށް އެރި އުޅުމުގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކުގެ އަދަދަކީ 39، އުއްމީދަނީ 2020ވަނަ އަހަރުތެރޭ މި އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކުރުން، " މިނިސްޓަރ ވިދާޅުވިއެވެ.
ސަލާމަތީ ބޯޑުތައް ހަރުކުރުމުގެ އިތުރަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ރަށްރަށުގައި ލައިފް ގާޑުންގެ ޙިދުމަތްދޭން ފެށުމަށް ނިންމާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ލައިފް ގާޑުން ތަމްރީން ކުރުމުގެ މަސައްކަތް ޢީދަށް ފަހު ފެށިގެންދާނެ ކަމަށާއި އަދި މި މަސައްކަތަށް ހޮވާނީ ދިވެހިންކަމަށެވެ.

"ޢީދަށް ފަހު ލައިފް ގާޑުންގެ މަސައްކަތް ފަށާނަން، އަޅުގަނޑުމެންގެ ޓާގެޓަކީ ދިވެހިން ދިވެހިންގެ މޫދުތައް ރައްކާތެރިތަނަކަށް ހެނދުން، ސީދާ ދިވެހި ވަޒީފާއެއްގެ ގޮތުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ލައިފް ގާޑުން ތަޢާރަފްކުރަން،" މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

ސަލާމަތީ ބޯޑުތައް ހަރުކުރުން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދާއި، ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާއި، ޓޫރިސްޓް ޕޮލިސްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.