މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް މިދިޔަ މަހުވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަތައްކަމަށް އެމިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެގޮތުން މިދިޔަމަހު އެކަނިވެސް އެ މިނިސްޓްރީއަށް ކުޑަކުދިންނާ ގުޅުން ހުރި އެކިބާވަތުގެ 113 މައްސަލަ ހުށައަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހު އެމިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު ޖުމްލަ 206 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. މިއީ އޭގެކުރީމަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. އެގޮތުން މިދިޔަމަހު 206 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މާޗު މަހު އެމިނިސްޓްރީއަށް ރިޕޯޓުކޮށްފައިވަނީ 253 މައްސަލައެވެ.
މިދިޔަމަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން %55 އަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާ ގުޅޭ 113 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 37 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ނަފްސާނީ ހާނީއްކައިގެ 22 މައްސަލައާއި ޖިންސީ ހާނީއްކައިގެ 22 މައްސަލައާއި ޖިސްމާނީ ހާނީއްކައިގެ 22 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިދިޔަމަހުގެ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލައަކާއި އެހެންކުދިން ގަނާކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 4 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ 1 މައްސަލަވެސް ހިމެނެއެވެ.
މީގެ އިތުރުން ހައްޤުތަކުން ކުޑަކުދިން މަހުރޫމް ކުރުމުގެ 10 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމާއި ތަޢުލީމަށް ހުރަސް އެޅުން ފަދަ މައްސަލަތަކެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލައަކާއި ކުޑަކުދިންގެ އަޚްލާގާ ގުޅުންހުރި 12 މައްސަލަ އެއްވެސް ހުށައަޅާފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައިން ޖެންޑަރ މިނިސްޓްރީއަށް މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 30 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 14 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައެއް ހިމެނެއެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭ 5 މައްސަލައެއްވެސް މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ޢާއިލީ މައްސަލަތަކުގެ ގޮތުގައި 18 މައްސަލެއް ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ކުދިންނާ ބައްދަލުނުކުރެވޭ 14 މައްސަލައަކާއި، ކުދިން ބެލުމުގައި ދިމާވާ 8 މައްސަލަ އާއި ދަރިންގެ ޚަރަދު ދިނުމާ ގުޅޭ 3 މައްސަލައާއި ކުދިން ބެލުމާގުޅޭ 1 މައްސަލަ ހިމެނެއެވެ.