ކުރީގެ
ރައީސް މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް
އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ޖަލުގައި
ބައިތިއްބަވަނީ ކުޑަ އެއްގޮޅީގައި ކަމަށް ދޭހަވާގޮތަށް ފަތުރަމުންގެންދާ
ވާހަކަތަކަކީ ދޮގެއްކަމަށާއި އެތިންބޭފުޅުންވެސް ހިންމަފުށީ ޖަލުގައި ތިއްބަވަނީ
ބޮޑު އެޕާޓްމެންޓެއްގައި ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހުޅުލޭގައި
ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން
މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދާއި
ނާޒިމާއި ތޮލްހަތު ހުންނަވާ އެޕާޓްމަންޓުގައި ވިހި ފޫޓު ތިރީސް ފޫޓުގެ ކޮޓަރިއަކާއި
ސިޓިން ރޫމަކާއި ބަދިގެއެއްގެ އިތުރުން ބޮޑު ޔާޑެއް ވެސް އޮންނާނެ ކަމަށެވެ. ޖަލައްލާފައި
ތިބޭ ދައުލަތުގެ މަތީމަޤާމުތައް ފުރުއްވާފައި ވާ ބޭފުޅުންނަށް ނިކަމެތިކަން
ލިބޭފަދަ ގޮތަކަށް ކަންކަން ނުކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ކުރީގެ
ޑިފެންސް މިނިސްޓަރ ތޮލްހަތާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމަށް ކޯޓުން
ހުކުމް އިއްވި ދުވަހުންފެށިގެން ބަންދުކޮއްފައި ވަނީ ހިންމަފުށީ އައްސޭރި ޖަލުގައެވެ.
މީގެއިތުރުން ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމަށް ވެސް ކްރިމިނަލް
ކޯޓުން ހުކުމް އިއްވި ދުވަހުން ފެށިގެން ބަންދުކޮއްފައި ހުރީ އައްސޭރި ޖަލުގައެވެ.
ނަމަވެސް
ނާޒިމް މިވަގުތު ހުންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވެ. އަދި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބެހެއްޓެވުމަށް މާފުށީ ޖަލުގައި ތައްޔާރުކުރާ
ތަން ނިމެންދެން ނަޝީދު ބަހައްޓަވާފައި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި
ދޫނިދޫގައެވެ.
ނަމަވެސް
މިދިޔަ އަންގާރަދުވަހު ކަރެކްޝަނަލް ސާވިސްއާއި ރައީސް ނަޝީދު ހަވާލު ކުރުމާއި
ގުޅިގެން އެމަނިކުފާނުވެސް މިހާރު ހުންނެވީ ހިންމަފުށީ އައްސޭރި ޖަލުގައެވެ.