ވިޔަފާރި

ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފި


މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.

މި ލޯނަށް އެދުމުގެ ފުރުޞަތު މިމަހުގެ 26 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. އެހެން ނަމަވެސް ފިޝަރީޒް މިނިސްޓްރީން މިހާރުވަނީ މި ލޯނަށް އެދުމުގެ ފުރުސަތު އަންނަމަހުގެ 25 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

"ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި ދޫކުރާ މި މިލޯނަކީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނެކެވެ. ލޯނު ޕްރޮގްރާމްގެ ދަށުން ތިން މިލިއަން އަށްޑިހަ ހަތަރު ހާސް ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެކަމަށާއި މިލޯނު ދޫކުރާނީ ފައިބަރު ދޯނިފަހަރުތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެ އަގު ކަނޑައަޅާފައި ވަނީ ލޮނު ފެނުން މަސްފިނިކުރާ ނިޒާމުގެ 10 ޓަނާއި 15 ޓަނުގެ ޕްލާންޓަށް އަމާޒުކޮށް، އޭގެ އަގާއި ސިސްޓަމް ހިންގަން ބޭނުންވާ ޖަނަރޭޓަރުގެ އަގާއި ދޯނީގައި މި ސިސްޓަމް ހަރުކުރުމުގެ އަގު ހިމަނައިގެން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

6 އިންސައްތައިގެ އިންޓްރެސްޓް ރޭޓަކާއި ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ދޫކުރާ މިލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިލޯނުތަކަކީ ފަންސާސް ހާސް ރުފިޔާ އަށްވުރެ މަތީގެ ލޯނުތަކަކަށްވާތީ، އެސް.ޑީ.އެފް.ސީން ކަނޑައަޅާ މިންވަރެއްގެ ރަހުނެއް ބަހައްޓަންޖެހޭނޭކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ލޯނަށްއެދޭ ފޯމް ސަރުކާރު ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނާއި އެސް.ޑީ.އެފް.ސީން އަދި އެސް.ޑީ.އެފް.ސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ އެސް.ޑީ.އެފް.ސީންކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މިލޯނުގެ މަޤްޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ އާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް މަގުފަހިކޮށްދިނުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.