ޚަބަރު

ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ އަދަދު އިތުރުވެއްޖެ


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ އަދަދު %7 އިތުރުވެއްޖެއެވެ. އެގޮތުން އެމުއްދަތުގައި ރާއްޖޭގެ ބޭންކުތަކުން ވަނީ 23.1 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާއްމުކޮށްފައިވާ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާގޮތުން، މިއަހަރުގެ ފުރަަތަމަ ކުއާޓަރގައިވެސް އެންމެ ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. އެގޮތުން ބޭންކުތަކުން ދޫކޮށްފައިވާ ލޯންތަކުގެ %37 އަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނެވެ. އަދި މިއީ ހުސްވި އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު، %7 އިތުރު އަދަދެކެވެ.

ދެން އެންމެ ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވަނީ އިމާރަތްކުރުމުގެ ސިނާއަތަށެވެ. އެގޮތުން ދޫކޮށްފައިވާ ލޯންތަކުގެ %22 އަކީ އިމާރަތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުތަކެވެ. އަދި މި މުއްދަތުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިމާރަތްކުރުމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯންގެ އަދަދަށް އައި ކުރިއެރުންކަން ފާހަގަކޮށްލެވެއެވެ.

މި ކުރިއެރުން އައިސްފައިވަނީ އަމިއްލަ ފަރުދުން ދިރިއުޅުމަށް ގެ އިމާރަތްކުރުމަށް ދޫކޮށްފައިވާ ލޯންތަކުގެ އަދަދު މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އިތުރުވުމުންކަމަށް އެމްއެމްއޭގެ ރިޕޯޓްގައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ބޭންކުތަކުން ދޫކޮށްފައިވާ ޕަރސަނަލް ލޯންތަކުގެ އަދަދުވެސް ވަނީ %17 އިތުރުވެފައެވެ. ބޭންކުތަކުން ދޫކުރާ ލޯންތަކުގެ %9 އަކީ ޕަރސަނަލް ލޯންއެވެ.